އަހުމަދު ނިހާން ހުސައިން މަނިކު

ހާރިޖީ ގުޅުމަށް ބުރޫއަރާނެ ވާހަކައެއް ނުދައްކަން: ނިހާނު

ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ހާރިޖީ ގުޅުމަށް ގެއްލުންވާނެ ފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާނު ވިދާޅުވީ ޕީޕީއެމުން ދައްކަނީ ރާއްޖޭގައި ހިނގާ ކަންކަމުގެ ވާހަކަ ކަމަށެވެ.

"ބޭރުގެ ސަފީރަކު ކުރާ ކަމަކަށް ނުވަތަ އެއިންް ބޭފުޅަކު އަޅުއްވާ ފިޔަވަޅަކަށް، ހެދުން ތުރުކުރައްވާ ގޮތަކަށް، ދައްކަވާ ވާހަކަފުޅަކަށް ނޫން އަޅުގަނޑުމެން ޖަވާބު ދިނީ. އަަޅުގަނޑުމެން މިދަންނަވަނީ ވަރަށް ތިލަ ސާފު ދިވެހި ބަހުން ދިވެހި ރާއްޖޭގެ ޖަލުގައި ތިބެންވާ ބައެއް އިނގޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހެދިފައި ހުރި މުއައްސަސާތަކަށޭ، ދިވެހި ރާއްޖެއަށޭ،" އިއްޔެގައި ވެސް ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ނިހާނު ވިދާޅުވި އެވެ.

ދެން ވިދާޅުވީ އެެއްވެސް ގައުމެއްގެ ސަފީރަކަށް ވެސް އަދި އެއްވެސް ޑިޕްލޮމެޓިކް މިޝަނަަކަށް ވެސް ކުޑައިމީސް ބަހެއް ވިދާޅުނުވާ ކަމަށެވެ.

ޕީޕީއެމުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަން ވިދާޅު ނުވިޔަސް ނިހާނު ފާޑު ވިދާޅުވީ ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއަށެވެ.

"އަވަށްޓެރި ގައުުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނަަކަށް އެނގިވަޑައެއް ނުގަންނާނެ އަޅުގަނޑުމެންގެ ޖަލުތަކުގައި ތިބޭނެ މީހުންނާ އޭގެ ތަރުތީބެއް. އަޅުގަނޑުމެންގެ ގާނޫނު ބުނާ ގޮތަށް ގާނޫނުގެ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ކުށްްވެރިވާ ކޮންމެ މީހަކު އެމީހަކާ އެއް މިންވަރެއްގެ ޖަލަކަށް އެއް މިންވަރެއްގެ ގޮޅިއަކަށް ލުމަކީ ދިވެހިންނަށް ލިބިގެންވާ މިިނިވަންކަމެއް،" އިއްޔެ ނިހާނު ވިދާޅުވި އެވެ.