މިދިޔަ އަހަރު ޕީޕީއެމް އިން ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދެއްކެވި ވާހަކައަކާ ގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބަލަން ފަށާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިތުބާރު ނެެތް މައްސަލައެއް ހުށަހަޅާފަައި ވަނިކޮށް މިދިޔަ އަހަރުގެ މާޗު 22 ގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަސީހުއާ ދެކޮޅަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރަކު މަސައްކަތް ކުރައްވާނަމަ އެއީ އަމިއްލައަށް ހޫނު ފެނުގައި އަތްލުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން އޭރު ވަނީ އިލްހާމް ހާޒިރުކޮށް ބަޔާން ވެސް ނަގައިފަ އެވެ. ނަމަވެސް އޭގެ ފަހުން މައްސަލަ ކުރިޔަށް ނުދެ އެވެ.
"ހޫނު ފެނަށް އަތްލާން ބޭނުން ނޫނިއްޔާ ވޯޓު ނުދެއްވާ، އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓު ދެއްވާނީ ހޫނު ފެނަށް އަތްލާން ބޭނުން ވަންޏާ، ހޫނު ފެން އެޅޭނެ، އަޅުގަނޑުމެންގެ ތެރެއިން އެކަން ކުރާ މީހުންގެ އަތް މައްޗަށް ވެސް ހޫނު ފެން އެޅޭނެ،އިލްހާމް އަހުމަދު
މިހާރު ޖަލުގައި ހުންނެވި އިލްހާމްގެ ވަކީލު ނޫރުއްސަލާމް "އަވަސް" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ މެންބަރުންތަކަކަށް ބިރުދައްކާ އިންޒާރު ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގެ ތެރަގައި ފުލުހުން އިލްހާމްގެ ބަޔާން ނަގާފައިވާ ކަމަށެވެ.
"ފުލުހުން އަލުން އެ މައްސަލަ ބަލަން ފަށައިފަ މިދިޔަ ހަފުތާގެ ތެރޭގައި އިލްހާމްގެ ބަޔާން ވަނީ ބަޔާން ނަގާފައި،" ނޫރުއްސަލާމް ވިދާޅުވި އެވެ.
އިލްހާމް މިހާރު ހައްޔަރުކޮށްފައި ވަނީ އޭނާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. ނަމަވެސް އޭނާއަށް ކުރާ ވަކި ތުހުމަތެއް ހާމައެއް ނުކުރެ އެވެ.