ހަބަރު

މީޑިއާ ކައުންސިލުގެ ކަންބޮޑުވުންތައް ކަރެކްޝަނާ ހިއްސާކޮށްފި

Mar 5, 2018

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ހަވާލާދީ ހަބަރު ޝާއިއު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިދިޔަ ޖެނުއަރީ މަހު ނެރެފައިވާ ނޫސްބަޔާނާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކަރެކްޝަނާ ބައްދަލު ކުރައްވައިފި އެވެ.

މީޑިއާ ކައުންސިލުން ބުނީ، އިއްޔެ ކަރެކްޝަންގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި އެކަންކަން ހައްލު ކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މީޑިއާތަކުން ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން ބާރު އަޅާ ކަމަށާއި މީޑިއާތަކުން ވެސް އިމުގެ ތެރޭގައި ކަންކަން ކުރުމަށް ބާރު އަޅާ ކަމަށް އެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ބައްދަލުވުމުގައި، ހަމަޖެހިފައިވާ ގަވާއިދުގެ ތެރެއިން ގައިދީންނާ ބެހޭ ގޮތުން ހޯދަން އެދޭ މައުލޫމާތުތައް ހާމަކުރުމުގައި ކަރެކްޝަނުން ފަސް ނުޖެހޭނެ ކަމަށާއި ގަވާއިދު ތަންދޭ ފުޅާދާއިރާއެއްގައި މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. އަދި މީޑިއާތަކުގައި ޝާއިއު ކުރާ މައުލޫމާތުތަކަކީ ގަވާއިދާ އެއްގޮތަށް ހޯދާ މައުލޫމާާތު ކަމަށް ހެދުމަށް ކަރެކްޝަނުން އެދިފައިވާ ކަމަށް މީޑިއާ ކައުންސިލުުން ބުންޏެވެ.

ކަރެކްޝަނަލް ސާވިސްއިން ޖެނުއަރީ މަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޝަރުއީ ހުކުމްތައް ތަންފީޒު ކުރަމުންދާ މީހުންނާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާއްމު ކުރަންވާނީ އެކަމަށް އޮންނަ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަަމަށެވެ. އެނޫން ގޮތްގޮތަށް ކަންތައް ކުރާ ފަރާތްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަން ކުރިން ވެސް ވާނީ ހަނދާންކޮށްދީފައި ކަމަށް ވެސް ބަޔާނުގައި ބުނެގައި ވެއެވެ.

އެ ބަޔާނަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުން ނެރުއްވި ބަޔާނަކާ ހަވާލާދީ ހަބަރު ޝާއިއުކުރި ނޫސްތަކާ ފުލުހުން ސުވާލުކޮށްފައިވެ އެވެ.