ހަބަރު

މުދަލު ޒަކާތް ދައްކަން މޯބައިލް އެޕެއް މީރާއިން ތައާރަފްކޮށްފި

Mar 5, 2018
1

މުދަލު ޒަކާތް ދެއްކޭނެ މޯބައިލް އެޕްލިކޭޝަނެއް މީރާއިން ތައާރަފް ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ވާރުޕޭ" އެޕް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. މި އެޕަކީ އެންޑްރޮއިޑަށް ހާއްސަކޮށް ނެރެފައިވާ އެޕެކެވެ. މި އެޕް މިހާރު ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް މީރާއިން ބުންޏެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ޒަކާތް ނެގުން މީރާއާ ހަވާލުކޮށްގެން ކުރިއަށްގެންދާތީ ވަރަށް ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމަކީ އިސްލާމީ ގިނަ ގައުމުތަކެއްގައިވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ޒަކާތް ބެހުމުގައި މީގެ ކުރިން ވަރަށް ގިނަ މައްސަލަތައް ދިމާވެފައިވާކަން އޮޑިޓް ރިޕޯޓްތަކުން ދައްކާ ކަމަށާއި މީރާއަކީ ދައުލަތުގެ ފައިސާ ބަލަހައްޓާ ފަރާތްކަމުން އެކަންކަމަށް އެކަށީގެންވާ ބަދަލެއް ފެންނާނެ ކަމަށެވެ.

"އެހެންވެ މިނިސްޓްރީން 2016 ވަނަ އަހަރު އެގޮތަށް ނިންމައި މީރާއާ ހަވާލު ކުރެއްވީ، އެކަމުގެ ސަބަބުން މިއަދު މިދަނީ ހެޔޮ ބަދަލުތައް ފެންނަމުން، އެކަކަށްވުރެ ގިނަ މުއައްސަސާތަކުން ކުރާ މަސައްކަތެއްގައި ބަރަކާތްހުރެ ކާމިޔާބު ލިބޭނެތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނަމާދު ކުރާ ފަދައިން މުދަލު ޒަކާތް ވެސް ދައްކަން ޖެހޭނެ ކަމަށާއި މުދަލު ޒަކާތް ދެއްކުމަކީ ދީނުގެ ރުކުނެއް ކަމަށެވެ. އަދި އާންމުން މިކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު އިފްތިތާހް ކުރެވުނު އެޕުން މުދަލު ޒަކާތްދެއްކުމަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އޭގެ ބޭނުން ގިނަ ބަޔަކު ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީރާ އާއި މިނިސްޓްރީ އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވަނީ 2016 ވަނަ އަހަރެވެ.