1 ފެބުރުއަރީގެ އަމުރު

"ސުރުހީ ބަދަލުވެ މިލިޓަރީ ގެންނަން އުޅުނު މީހުން ވަނީ ފަލީހަތްވެފައި"

Mar 6, 2018
7

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގެ ކަންކަމާމެދު ބޭރުގައި ނުބައި ވިސްނުންތައް އަނބުރާފައިވާ ގޮތް ވަރަށް ބޮޑަށް ބަދަލު ކުރެވިފައިވާ ކަމަށާއި ރާއްޖެއަށް ބޭރުގެ މިލިޓަރީ ގެންނާނެ މަގެއް ހޯދަން އުޅުނު ފަރާތްތައް ބޭރުގައި ފަލީހަތް ވެފައިވާ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

ސްކައިޕް މެދުވެރިކޮށް ރޭ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އަންޑޭ ވިދާޅުވީ 1 ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގައި މިހާރު މިހިނގާ ކަންކަމަކީ ގާނޫނުއަސާސީއަށްވުރެ ބޭރަށް ދައުލަތުގެ މުއްސަސާއަށް ނުކުމެގެވިގެން އުޅޭ ހާލަތެއް ކަމަށާއި އެ އަމުރަށް އިންޑިއާއިން ތަފާތު ހަތަރު ސްޓޭޓްމަންޓެއް ނެރުނު ކަމަށެވެ.

އަންޑޭ ވިދާޅުވީ އެންމެ ފަހުން ނެރުނު ސްޓޭޓްމަންޓްގައި ރާއްޖޭގެ ކަންކަން ހިނގައިދިޔަ ގޮތާއި ހާއްސަކޮށް ސްޓޭޓް އޮފް އިމަޖެންސީގެ މުއްދަތު އިތުރުވެގެން ދިޔައީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނުމުމުން ރާއްޖެއިން ވެސް ރައްދެއް ދީފައިވާނެ ކަމަށެވެ.

"އެ ބަޔާނަށް ފަހު އިންޑިއާގެ އިތުރު ބަޔާނެއް ނެތް އަދި އޭރުވެސް މިހާރު ވެސް މިދަނީ ގަވައިދުން އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުގެ ވާހަކަ ހިއްސާ ކުރަމުން ގަވައިދުން ހުރިހާ މައުލޫމާތެއް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ހިއްސާ ކުރަން އެހެންވީމާ ބޭރަށް ފެންނަންހުރި ކަންކަމަށް ބަލާއިރު ދެ ގައުމުގެ ދޭތެރޭގައި މައްސަލަ އެއް އުޅޭ ކަމަށް ވަންނާ އެއަށް ހައްލެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ކޮށްފައި އަދި ދަނީ ވެސް ކުރަމުން،" އަންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޕްލޮމަސީގެ ހުރިހާ މަސައްކަތަކީ ޕަބްލިކް ޑިޕްލޮމަސީ ނޫން ޕަބްލިކް ޑިޕްލޮމަސީއާ ހަމައަށް ގެންދެވޭ ހާލަތުގައި ސަރުކާރުން ވެސް އެއްޗެއް ބުނެފައިވާނެ ކަމަށެވެ. އަދި ރާއްޖެއާ އިންޑިއާ ދެމެދު ހިނގާ މުއާމަލާތްތައް ބަރާބަރަށް މާލެ އާއި ދިއްލީގައި ހިނގަމުން އަންނަ ކަމަށް ވެސް އަންޑޭ ވިދާޅުވި އެވެ.

"މި މައްސަލާގައި މީޑިއާގައި ވަރަށް ތަފާތު ވާހަކަ ދެކެވިއްޖެ، ރާއްޖޭގެ ހާލަތުގެ މައްޗަށް! ރާއްޖޭގައި ދިމާވެގެން އުޅެނީ ވަރަށް އާދަޔާހިލާފު ހާލަތެއް މިހާލަތު ގަބޫލެއް ނުކުރެވޭ ބޭރުގެ މީޑިއާތަކަކަށް އެހެންވެ ވަރަށް މޮޅު ސުރުހީތަކެއް ލިބިގެން ދިޔައީ ސުޕްރީމް ކޯޓްގެ އމުރެއް ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހަދާ ކަމަށް ބުނެ،" އަންޑޭ ވިދާޅުވި އެވެ. "މީގެ އަހަރުތަކެއް ކުރިން ސަރުކާރަކުން ބުނި އެ ސަރުކާރު މަސައްކަތް ކުރާނީ ޗާޓުން ބޭރުން ކަމަށް އެއީ ގާނޫނުގެ ބޭރުން މަސައްކަތް ކުރާ ވާހަކަ އެކަމަކު މި ސަރުކާރާއި މި ސަރުކާރާއި މިހާރުގެ ރައީސަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރައްވާ ބޭފުޅެއް. މި ފަހަރުގެ ސުޕްރީމް ކޯޓްގެ އަމުރު އޮތީ ގާނޫނު އަސާސީގެ ހަމަ އާއި އިމުން ބޭރަށް ނުކުމެފައި އެހެންވީމާ މުއައްސަސާއެް ގާނޫނާ ހިލާފުވުމަކީ ސަރުކާރު އެގޮތަށް އަމަލު ކުރުމެއް ނޫން،"

އެހެން ވިޔަސް އަންޑޭ ވިދާޅުވީ އިވުނު އަޑުތަކުން ބޭރުގެ ފަރާތްތަކަށް ވަރަށް މޮޅު ސުރުހީތައް ލިބުނު ކަމަށާއި ހާއްސަކޮށް އިންޑިއާގައި އެ ސުރުހީތައް ފަލަވި ކަމަށެވެ. އަދި ވިދާޅުވީ އެއާ ގުޅިގެން ސަރުކާރުގެ ވިސްނުމަކަށްވީ ކެތްތެރިކަމާއެކު ވިސްނައި ދިނުން ކަމަށާއި އެކަމަށް އެމްބެސަޑަރުން ކުރައްވާ މަސައްކަތަށް ދުވަސްކޮޅެއް ނެގި އިރު ފެބުރުއަރީ ކުރީކޮޅާއި މެދުތެރޭގައި ނުކުތް ސުރުހީތައް މިހާރު ބަދަލުވެ ރަނގަޅު ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. އަދި ބޭރުގައި އޮތް މިސްއަންޑަސްޓޭންޑިންތައް ކުޑަވެފައިވާ ކަމަށެވެ.

"ރާއްޖޭގެ ކަންކަން ގޯސްކޮށް ބުނެދޭނެ އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެ ބަޔަކު އެބަ މަސައްކަތް ކުރޭ ރާއްޖެއަށް މިލިޓަރީ ފިޔަވަޅު އަޅާނެ މަގެއް ހޯދޭތޯ ވެސް. އެކަން ކުރި ބަޔަކު ވަރަށް ރީއްޗަށް ފަލީހަތްވިތަން ވެސް ފެނުނު. އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަ ކުރެއްވި ކަމަށް ވެސް ބޭފުޅަކު ޓްވީޓް ކުރެއްވި އެ ބުނާ ބައްދަލު ކުރެއްވުމުގެ ހަގީގަގަތަކީ ކޮބައިކަން ސާފުވެގެން އައިމަ އެ ބޭފުޅަކު ވަރަށް ބޮޑު ފަލީހަތެއް ވެގެން ދިޔަ،"

ރާއްޖެއަށް މިލިޓަރީ ގެންނަން ގޮވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.