ރައީސް އަބްދުﷲ ޔާމީން

ދިވެހި ހިތްތަކަށް ގައުމިއްޔަތުގެ ލޯބި ވައްދަން ރައީސް ގޮވާލައްވައިފި

Mar 6, 2018
7

ރާއްޖޭގެ ރައްޔިތުންގެ ހާއްސަކޮށް ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި، ގައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަ ކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބެއް މެދުވެރިކޮށެވެ. އެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހު އެވެ. އެ ގޮތަށް ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫއު އިފްތިތާހުކުރި ދުވަހު އެވެ.

ރައީސްގެ ހިތޯބުގައި، ގައުމުގެ މުސްތަގުބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި ޒުވާނުންނަކީ ހަރުދަނާ ގައުމިއްޔަތެއްގެ ވެރި އަދި މިނިވަން ކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާއުކުރާނެ ބަޔަކަށް ހަދަންޖެހޭ ކަމުގައި ވިދާޅުވެފައި ވެއެވެ. އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫޙު އާލާވެ، ގައުމަށް ޚިދުމަތް ކުރާނެ، ގައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ، ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަން ހާއްސަ ޕްރޮގްރާމްތަކެއް ހިންގަވައިދިނުމަށް ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައި ވެއެވެ.