އަލިފާން

މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތައް ވެއްޖެ

Mar 6, 2018

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ. އަލިފާން ރޯވީ މ. ސިތާރާ ގޭގެ ތިން ވަނަ ފްލޯގަ އެވެ.

މ. ސިތާރާ ގޭގެ ތިން ވަނަ ފްލޯގައި ރޯވިކަން ކަށަވަރު ކޮށްދެމުން އެމެއެންޑީއެފުން ބުނީ އަލިފާން ނިންވުމަށް ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

ދުމުގެ އަސަރުކޮށްގެން އެކަކުގެ ހާލު ގޯސްވެ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ބުރީގައި ދިރިއުޅެނީ ބިދޭސީ ފިރިހެނުންނެވެ. ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޯވި ވަގުތު ގޭތެރޭގައި އޮތް މީހެކެވެ.

އަލިފާން ރޯވެ ލިބުނު ގެއްލުންތައް ބައްލަވާލައްވަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެ ސަރަހައްދަށް ވަޑައިގަތެވެ.