ކ. ކާށިދޫގައި އެހެލާފައި އޮތް ތިން ދޯންޏެއްގައި ބަޔަކު ރޯކޮށްލީ ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތުކޮށްފި އެވެ.
ތިން ދޯނީގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ރޭ މެންދަމު 12:30 ހާއިރު އެވެ.
އަނދައިގެން ދިޔަ ދޯނިތަކުގެ ތެރޭގައި ހިމެނެނީ ބޮޑު ދެ ދޯންޏަކާއި ކުޑަ ދޯންޏެވެ.
ކާށިދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އަލިފާނުގައި އަނދާ ހުލިވި ދޯނިތަކަކީ އެހެލާފައި އޮންނަތާ ތިން ހަތަރު އަހަރުވީ އުޅަނދުތަކެކެވެ.
"މިއުޅަނދުތަކުގައި އިންޖީނެއްވެސް ނެތް. ދެން އަލިފާންގަނޑު ކުއްލިއަކަށް ރޯވެ ބޮޑު ހުޅުގަނޑެއް ފަޅައިގެން ދިޔައީމާ މަންޒަރު ދުށް ބައެއް މީހުން ބުނަނީ މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް،" ކާށިދޫ ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަޖު ވިދާޅުވި އެވެ.
ކާށިދޫގެ ބައެއް އާންމުންވެސް ބުނީ އެ ދޯނިތައް އެތަނުގައި ބާއްވާފައި އޮންނަތާ އެތައް އަހަރެއް ވެފައި، ކުއްލިއަކަށް ރޭގައި އަލިފާން ރޯވެ އަނދައިގެން ދިއުމުން ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ތުހުމަތުކުރެވޭ ބަޔަކު ނޭނގޭ ކަމަށްވެސް ބުންޏެވެ.
ސިފައިންނާއި ފުލުހުންނާއި ކާށިދޫގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމާ ގުޅިގެން އާންމުން އެ ސަރަހައްދަށް ނުދިއުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.