ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތާއި ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ "އެންޓި ޑިފެކްޝަން" ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ޖަލްސާ ނިންމާލި އިރު މީގެ ކުރިން ޖަލްސާތައް ރަނގަޅަށް ކުރިޔަށް ދިޔަ ދުވަސްކޮޅު ހުށަހަޅާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި އެއާ މެދު ބަހުސްކޮށް ކޮމިޓީއަށް ފޮނުވުން ވެސް ހަމަ އެ ދުވަހުގެ ތެރޭގައި ކުރެ އެވެ. ނަމަވެސް 27 މެންބަރުންނާއެކު މިއަދު ޖަލްސާ މިނެޓެއް ހާއިރު ތެރޭ ނިންމާލި އެވެ.
ޕީޕީއެމްގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އިތުރުކުރަން ބޭނުންވާ ނަންބަރުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.
އެ އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިތުރު ކުރަނީ ފަނޑިޔާރުންގެ މުހިންމު ޝަރުތަކެއް ކަމަށެވެ. އެ ގާނޫނަށް ގެންނަ އިސްލާހަކީ އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ އިސްލާހެއް ނޫން ކަމަށެވެ. އިސްތިއުނާފީ މަރުހަލާތަކުގައި ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭ ގޮތަށް އޮންނަ އޮތުން ފަދަ ކަންކަން މި އިސްލާހާއެކު ހައްލުވެގެން ދާނެ ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނުގެ އިތުރުން މަޖިލީހަށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭނެކަން ކަނޑައަޅާ ގާނޫނުގެ މަސައްކަތްތައް މާދަމާ ފަށާނެ އެވެ. އަދި އެފަދަ ގޮތަކަށް ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމުގެ އިޖުރާއުތަކާއި އުސޫލުތައް ވެސް އެންޓި ޑިފެކްޝަން ގާނޫނުގައި ހަދާ ގާނޫނުގައި ބަޔާންކުރާނެ އެވެ.