ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލް އަދިވެސް ބަލަހައްޓަނީ ސަރުކާރުން

ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް 50 އަހަރުގެ މުއްދަތަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް މިދިޔަ އަހަރު ދޫކޮށްފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދިވެސް ހިންގަނީ ސަރުކާރުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް އިންޑިއާގެ މަޝްހޫރު ނިމްސް އާ ހަވާލުކުރި ހިސާބުން ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެން އެ ހޮސްޕިޓަލްގެ ހިންގުން ހުއްޓުމަކާ ގާތަކަށް އައެވެ. އެއާއެކު ހޮސްޕިޓަލަށް ދަތިވެފައިވާ ކަންކަން އަލުން ހަމަޖައްސައިދީ ވަގުތީ ގޮތުން އެ ހޮސްޕިޓަލް ހިންގުމާ ސަރުކާރުން ހަވާލުވި އެވެ.

ނަމަވެސް ނިމްސް ވެސް ހިންގާ އިންޑިއާގެ ނޫރުލް އިސްލާމް ކުންފުންޏާ އެކު ޖޮއިންޓް ވެންޗާކޮށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް އިން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ހައްލުކޮށް ހޮސްޕިޓަލް ހިންގޭނެ ކަމުގެ ޔަގީންކަން ދިނުމަށް ހެލްތު މިނިސްޓްރީން 10 ދުވަހުގެ މުހުލަތެއް ދިނެވެ. މިނިސްޓްރީން އޭރު ބުނެފައިވަނީ މައްސަލަ ހައްލުކުރުމަށްފަހު އެކުންފުނިން މިނިސްޓްރީއަށް އަންގާ ހިސާބުން ހޮސްޕިޓަލްގެ ހިންގުން އިތުރަށް ކުރިއަށްގެންދާނެ ގޮތަކާމެދު އަވަސް ނިންމުމެއް ނިންމާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ނިމްސްއާ އެކު ސޮއިކުރި އެއްބަސްވުމާއެކު ހޮސްޕިޓަލުގެ ތަރައްގީއާ އާންމުންގެ އެތައް ބައެއްގެ އުންމީދު ގުޅިފައި ވުމެވެ.

ނޫރުލް އިސްލާމުން ވަނީ ހެލްތުގެ އެންގުމާ އެއްގޮތަށް މިދިއަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މައްސަލަތައް ހައްލުކުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލާގައި މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ބެހޭ މައުލޫމާތު ހޯދަން މިނިސްޓަރަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ހުންނެވި އިބްރާހިމް ވަހީދު މިއަދު އަވަސް އަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިންމްސް އާ ހަވާލުކުރި މައްސަލައާ ބެހޭ މިހާރުގެ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލްގެ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ދެމުންދާ ކަމަށާއި ހޮސްޕިޓަލްގެ ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސަރުކާރުން ކަމަށެވެ.

"ހޮސްޕިޓަލަށް ކަމެއް ބޭނުންވެގެން އަންގާލުމުން ހެލްތު މިނިސްޓްރީން އެކަމެއް ކޮށްދޭ. ހޮސްޕިޓަލްގެ ހިންގުން ބަލަހައްޓަނީ ސަރުކާރުން،" ވަހީދު ވިދާޅުވި އެވެ.

ހދ އަތޮޅާ އެނޫންވެސް ކައިރި އަތޮޅުތަކުގެ ގިނަ އަދަދެއްގެ މީހުން މިހާރުވެސް ހިދުމަތް ހޯދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރީ އެ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ބޮޑެތި ފަރުވާ ލިބޭނެ ވަސީލަތް ހޮސްޕިޓަލުގައި ގާއިމްކޮށް ފެންވަރު މަތި ކުރުމަށެވެ. ނަމަވެސް އެ އެއްބަސްވުމަށް އަހަރެއްވާން ގާތް ވެފައިވާއިރު އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ ފެންވަރު މަތި ކުރުމަށް އެއްވެސް ކަމެއް ކޮށްފަ އެއް ނުވެ އެވެ.

ހޮސްޕިޓަލް ތަރައްގީކުރުމަށް ނިމްސް އާއެކު ސޮއިކުރި ވަރުގަދަ އެއްބަސްވުމުގެ ފައިދާ އެ ހޮސްޕިޓަލަށް އެއްވެސް ވަރަކަށް ކޮށްފައި ނުވާތީ އެ އެއްބަސްވުން ވީއެންމެ އަވަހަކަށް އުވާލުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.