- މިހާރު ދެލައްކަ ރުފިޔާ ނެގޭނެ
- މުއްދަތު އިތުރުކުރީ މިމަހުގެ 15 އަށް
- ލޯނުގެ އިންޓްރެސްޓަކީ ނުވަ ޕަސެންޓް
ކަނބަލުންނަށް ދޫކުރަން ހުޅުވައިލި، ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށް ލޯނުގައި ހިމެނޭ ފައިސާގެ މިންވަރު ވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ބޮޑުކޮށްފި އެވެ.
އިކްނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ "ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް" ގައި ލޯނަށް އެދުމުގެ މުއްދަތު ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިތުރު ކޮށްފައިވީ ނަމަވެސް މި ފަހަރު ވެސް އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
"ކުރިން ވެސް އެކަމަށް އެދޭތީ އިތުުރު ކުރީ. އަނެއްކާ ވެސް މި މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް އިތުރުކޮށް މިވަނީ ގިނަ ބަޔަކު އެދެމުން އައި މުހިންމު ބަދަލު ތަކެއް ވެސް ގެނެސް ދީފައި. އުންމީދު ކުރަނީ ގިނަ ބަޔަކު ލޯނަށް ހުށަހަޅާނެ ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވެސް ގިނަ ބަޔަކު ކުރިމަތިލުން،" އާދަމް ވިދާޅުވި އެވެ.
އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންޑަކުން ހޯދައިވާ ފައިސާ އިން ދޭ މި ލޯނަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ 15، ފެބްރުއަރީ 2018 ގަ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ފެށި މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20.46 މިލިއަން ރުފިޔާ އެވެ. އަދި މި ލޯނު ދޫކުރަން ފުރަތަމަ ފެށީ 50،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށެވެ.
މި ލޯނު ސްކީމު ލޯނު އަދަދު 50,000 ރުފިޔާ އަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވެ އެވެ. އަދި 50،000ރ. އަށް ވުރެ މަތީ އަދަދު ތަކުން ލޯނު ނަގާނަމަ 130 ޕަސެންޓާ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ. އަދި މި ލޯން ސްކީމްގައި އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރަކީ، ހުށަހަޅާ މުޅި ޕްރޮޖެކްޓްގެ (15 ޕަސެންޓް) އަށްވާ އަދަދެވެ. މިގޮތުން، މިހާތަނަށް ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ހަރަދުކޮށްފައިވާނަމަ، އަމިއްލަ އަށް ކޮށްފައިވާ ހަރަދުތަކުގެ އިންވޮއިސް އަދި ބިލުތައް ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް، ލޯނުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރު ކުރިއިރު ލޯނު ނެގޭ މިންވަރު މިވަނީ 50،000ރ. އިން 200،000ރ. އަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި 15 ޕަސެންޓުގެ އިކުއިޓީ ބަހައްޓާއިރު އިކުއިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ ތަކެތީީގެ ބިލްތައް މިހާރު ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ޑެޕިއުޓީ މިނިސްޓަރު އާދަމް ވިދާޅުވީ އިކުއިޓީގެ ގޮތުގައި 15 ޕަސެންޓަށްވާ ފައިސާ ހުރިނަމަ ކުރިން އެ ފައިސާ އާއި މަސައްކަތް ކުރަން ބޭނުންކުރާ މެޝިނަރީ ފަދަ ތަކެތި ގަތް ބިލްތައް ހުށަހަޅަން އޮތުމުން ގިނަ ބަޔަކަށް ދަތިވި ކަމަށެވެ.
"މިހާރު ބޭނުން ކުރާ މެޝިނަރީގެ ގަތް ބިލްތައް ހޯދަން ގިނަ މީހުންނަށް ވަރަށް ދަތިވާނެ. އެހެންވެ ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދެއްކުމުން އެ ބޭފުޅުން މިވަނީ ލުއި ތަކެއް ގެނެސްދީފަ. މިހާރު އެ ތަކެތި [މެޝިނަރީ] ގެ އަގު ތައް ޖެހުމުން ރަނގަޅުވާނެ،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ފަހަރަށް ލޯނުގެ މުއްދަތު އިތުރުކުރިއިރު މިހާތަނަށް 195 އެޕްލިކޭޝަން (ލޯނުގެ 50 ޕަސެންޓް )ލިބިފައިވާ ކަމަށެވެ. އަދި މި ފަރާތްތަކަށް ވެސް ލޯނުގެ އަދަދު އިތުރުކޮށް އަލުން އެޕްލައި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
ކަނބަލުންގެ މި ލޯނު ސްކީމުން ލޯނު ދޫކުރާނީ ނުވަ ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ. އަދި ލޯނު އަދާކުރަން އަށް އަހަރު ލިބޭއިރު ގްރޭސްޕީރިއަޑްގެ ގޮތުގެ އެއް އަހަރު ލިބެ އެވެ. އަދި މި ލޯނު ދެނީ އެކަމަށް ހާއްސަކޮށް ޕްރޮޕޯސަލެއް ލުމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އަންހެނުންގެ ލޯން ޕްރޮގްރާމް އެޕްލިކޭޝަން ފޯމް ބަލައި ގަންނާނީ، މި މިނިސްޓްރީއިންނާއި ބިޒްނަސް ސެންޓަރު ތަކުން މިމަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.