ހަބަރު

ސިނާއީ އަވަށުގައި ހަ ވެއާހައުސް ސެންޓަރު އަޅަން އެމްޕީއެލަށް

ސިނާއީ އަވަށުގެ ގޮތުގައި ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ސަރަހައްދުގައި ލޮޖިސްޓިކް ވެއާހައުސްތަކެއް ތަރައްގީކުރަން އެމްޕީއެލަށް ދީފި އެވެ. އެމްޕީއެލާ މިއަދު ހަވާލުކޮށްފައިވަނީ ސިނާއީ އަވަށުގައި ޒަމާނީ ލޮޖިސްޓިކް ވެއާހައުސްގެ ގޮތު ހަ އިމާރާތެއް އެޅުމަށެވެ.

ލޮޖިސްޓިކް ވެއާހައުސް އެޅުމަށް މިއަދު ހައުސިން މިނިސްރީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. ހައުސިން އިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒެވެ.

ސިނާއީ އަވަށުގެ ގޮތުގައި 6.9 ހެކްޓަރުގެ ބިން ހައުސިން މިނިސްޓްރީން ހިއްކައި ފެނާއި ނަރުދަމާ ކަރަންޓާއެކު ތަރައްގީކޮށް ނިންމާފައިވާއިރު އެ ސަރަހައްދުގައި 18 ބުރީގެ މަލްޓި ސްޓޯރީ ވެއާހައުސްއެއް އަޅަން މީގެ ކުރިން އެ މިނިސްޓްރީން ވަނީ އެސްޓީއޯއާ ވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް މިއަދު އެމްޕީއެލަށް ދީފައިވަނީ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫގެ އަގު ހައުސިން މިނިސްޓްރީން މިއަދު ހާމައެއް ނުކުރެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ، މާލޭގެ ކުދި ގޯޅިތަކުގައި ގުދަންތައް ހުރުމާއި އެ ގުދަންތަކަށް ބޮޑެތި ވެހިކަލްތައް އަބަގު ދަތުރުކުރަން ޖެހިފައި އޮތް އޮތުމަކީ އާންމުންނަށް އޭގެ ސަބަބުން ގިނަ އުނދަގޫކުރިމަތިވާ ކަމެއް ކަމަށެވެ. އެކަމުގެ ޝަކުވާ ވެސް ގިނައިން ލިބޭ މައްސަލައެއް ކަމަށެވެ. ތޮއްޖެހިފައިވާ މާލޭގައި މީހުންގެ ތެރޭގައި ހުންނަން ނުޖެހޭ ފަދަ ކެމިކަލް ސްޓީރޭޖް ފަދަ ގުދަންތައް ހުރުމަކީވެސް ހައްލުކުރަން ވެފައިވާ ވަރަށް މުހިއްމު މައްސަލައެއް ކަމަށެވެ.

މިއަދު އެމްޕީއެލްއާ ހަވާލުކުރި މަޝްރޫ ނިމުމުން އެފަދަ ހުރިހާ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިހާރުވެސް ވަރަށް ހަނި މަގުތަކުގައި އެބަހުރި ގުދަންތައް. އޭގެ ތެރޭގައި އެބަހުރޭ އާންމުންގެ ނޭވާލުމުގެ ނިޒާމަށް ނޫނީ ސިއްހަތަށް ވެސް ވަރަށް ބޮޑެތި ގެއްލުން ވާގޮތަށް ހުރި ތަންތަން. މި ތަންތަން އާންމުންނާ ދުރު ތަންތަންނަށް ބަދަލުކުރުމަށް މުހިއްމު މަސައްކަތެއް މިއަދު މި ފެށުނީ،" މުއިއްޒު ވިދާޅުވި އެވެ.

ޕާކު ކުރާ އިމާރާތަކާއެކު ފަސް މަލްޓި ސްޓޯރީ ވެއާހައުސް އަޅައި ނިންމަން އެމްޕީއެލަށް ދީފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ތަންތަން އަޅައި ނިމުމުން މިހާރު މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތަކުގެ ތެރެއިން ހައުސިން މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ނުފެތޭ ތަންތަން އެ އިމާރާތްތަކަށް ބަދަލުކުރެވޭނެ އެވެ. އަދި އަލަށް ގުދަން ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް ޖާގަ ދޫކުރާނެ އެވެ. ވެއާހައުސް އިމާރާތްތަކުން ގުދަން ދޫކުރާނީ ކުއްޔަށެވެ. އަގުތައް ފަހުން ހާމަކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

"އެތަންތަން ދޫކުރާއިރު އެންމެ ފުރަތަމަ އިސްކަންދޭނީ މާލޭގައި މިހާރު ހުރި ގުދަންތަކުގެ ތެރެއިން ލަކުޑި ބަހައްޓާ ގުދަންތަކާއި، ނޭވާލުމުގެ ނިޒާމަށް ގެއްލުންވާ ކަހަލަ އެއްޗިހި ރައްކާކުރާ ތަންތަނާއި، ފިޔާ އަލުވި ފަދަ އެއްޗެހި ބަހައްޓާ ގުދަންތަކުގެ އިތުރަށް ހަނި އަދި ކުދި ގޯޅީތަކުގައި ހުންނަ ތަންތަން ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވެއާހައުސް ތަރައްގީކުރަން ވިޔަފާރިވެރިންނަށް ބިން ދޫކުރުމުގެ ބަދަލުގައި ސަރުކާރުން ލޮޖިސްޓިކް ސެންޓަރުތަކެއް އަޅައިގެން އެތަންތަނުން ފްލޯ އޭރިއާ ކުއްޔަށް ދޫކުރާ ގޮތަށް ނިންމީ ވީހާވެސް ގިނަ ފަރާތްތަކަށް ޖާގަދިނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެމްޕީއެލުން އަޅާ އިމާރާތްތަކުގައި ހިމެނޭ ބައިތައް:

ގަރާޖް
ވޯކްޝޮޕް
މެޑިކަލް ސްޓޯރޭޖް
ޕާކިން ބިލްޑިން
ފޫޑް ސްޓޯރޭޖް
ކޮންސްޓްރަކްޝަން މެޓީރިއަލް ސްޓޯރޭޖް
އޮފީސް އޭރިއާ

އެ އިމާރާތްތަކުގެ ތެރޭން ޕާކިން ބިލްޑިން އަޅަނީ 18 ބުރިއަށެވެ. އެތަނުގައި 300 ލޮރީ ޕިކަޕް ޕާކްކުރެވޭނެ ޖާގައާއި، 200 ކާރު، 500 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހުންނާނެ އެވެ. ދެން ހުރި ފަސް އިމާރާތުގައި މަލްޓި ސްޓޯރީ ވެއާހައުސިންއާ އެކު ގްރައުންޑް ފްލޯ ވޯކްޝޮޕްތަކަށް ހާއްސަ ކުރެވޭނެ އެވެ.

އެމްޕީއެލުން ބުނީ ޕްރޮޖެކްޓްގެ ދަށުން ކޮންސްޓްރަކްޝަން މެޓީރިއަލް ވެއާހައުސްގެ ގޮތުގައި 480،000 އަކަ ފޫޓްގެ ސަރަހައްދެއް ހާއްސަކުރާނެ ކަމަށެވެ. އަދި ވޯކްޝޮޕްތަކާއި އާންމު މުދަލަށް 650،000 އަކަފޫޓުގެ ސަރަހައްދެއް ތަރައްގީކުރާއިރު ޕާކިން އާ ނުލައި ހަމައެކަނި ވެއާ ހައުސްގެ ގޮތުގައި 1.2 މިލިއަން އަކަ ފޫޓް ސަރަހައްދެއް ތަރައްގީކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި ބުނީ ވެއާހައުސްތައް އިމާރާތްކޮށް ހިދުމަތްދޭން ފެށުމުން އެ ސަރަހައްދަށް ކޮންޓެއިނަރު އަންލޯޑްކުރުމުގެ މަސައްކަތް ބަދަލުކުރުމުގެ ވިސްނުމެއްވެސް އެމްޕީއެލުން ގެންގުޅޭ ކަމަށެވެ.