ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުން މިއަދު ނިމޭނެ

މާލޭގެ ހެންވޭރުގައި އާޓިފިޝަލް ބީޗުގެ އުތުރަށްވާ ގޮތަށް އިމާރާތް ކުރަން ފަށާފައިވާ ސަލްމާން ރަސްގެފާނު މިސްކިތުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިއަދު ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ސަލްމާން ރަސްގެފާނު މިސްކިތަކީ ހަމައެކަނި މިސްކިތެއް ނޫން ކަމަށާއި އެއީ އިސްލާމީ މަރުކަޒެއް ގޮތުގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި ބިނާއަށް ވެސް ވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ މިސްކިތުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތްތައް މިއަދު ނިމޭނެ ކަމަށާއި އޭރަށް މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާ ނިމުނީ ކަމަށެވެ. އެހެން މަޝްރޫއަތަކާ ގުޅުވައިގެން ވެސް މިނިސްޓަރު އަބަދުވެސް ވިދާޅުވާ ގޮތަށް މިސްކިތުގެ މަސައްކަތާ ގުޅިގެން ވެސް ވިދާޅުވީ "ތާވަލާ އެއްގޮތަށް މަސައްކަތް ބާރަށް ކުރިޔަށްދާ" ކަމަށެވެ.

"ފެށުނު އިރުގައި ދެތިން ހަފުތާ ތާވަލަށް ވުރެ ފަހަތުގައި އެބައޮތް، ނަމަވެސް އެ ބައި އަތުލެވި މި ހަފްތާއިން ފެށިގެން ތާވަލާ އެއްގޮތަށް ކުރިޔަށް އެދަނީ، އެހެންވެ މި އަހަރުގެ ނިޔަލަށް މިސްކިތް ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ސަލްމާން މިސްކިތަކީ 41500 އަކަފޫޓުގެ ޖާގައެއްގައި 500 ދުވަހުން މަސައްކަތް ނިންމަންޖެހޭ މިސްކިތެކެވެ. އެ ޝެޑިއުލަށް މަސައްކަތް ގެންގޮސް މި އަހަރުގެ އޯގަސްޓްގައި މިސްކިތް ނިމޭނެ ކަމަށް ކުރިން ވަނީ ހައުސިން މިނިސްޓްރީން ބުނެފަ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތް

* މިސްކިތުގައި ހަ ފަންގިފިލާ
* އަރާފޭބުމަށް ލިފުޓް ހުންނާނެ
* އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
* ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
* ސެމިނާ ރޫމްތައް ހިމެނޭނެ
* ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް

އެކުވެރި ސައުދީގެ ހިލޭ އެހީގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު އަދި ރީތި މިސްކިތުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ޓާމެކްސް އަކީ މިފަދަ ބިޔަ މަސައްކަތްތައް ކުރުމަށް މަޝްހޫރު ކުންފުންޏެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.