- މިސްކިތުގައި އެއްފަހަރާ 10،000 މީހުންގެ ޖާގަ
- ސައޫދީ ހިލޭ އެހީ، އަގު 24.5 މިލިއަން ޑޮލަރު
- ފައްސަތޭކަ ދުވަހުން މަސައްކަތް އެއްކޮށް ނިމޭނެ
ރާއްޖޭގެ ތާރީހުގައި ބިނާކުރާ އެންމެ ބިޔަ މިސްކިތް ކަމަށްވާ "ކިންގް ސަލްމާން މިސްކިތް" އަޅަން ހަވާލުކޮށްފައިވާ ތުރުކީގެ ކުންފުނިން ބިމާ ހަވާލުވެ، މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި ކިންގް ސަލްމާން މިސްކިތް އެޅުމުގެ މަސަކަތް ފަށަން، ތުރުކީގެ ޓާމެކްސް ކުންފުންޏާ ބިން ހަވާލުކޮށްފައިވަނީ މި ހަފުތާ އެވެ. އަދި އެ ކުންފުނިން މިހާރު ދަނީ މިސްކިތުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރީތައް ކުރަމުންނެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު "ކިންގް ސަލްމާން" މިސްކިތް އެޅުމުގެ މަސައްކަތް ހަވާލު ކުރަން ފެބްރުއަރީ މަހު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ކިންގް ސަލްމާން މިސްކިތް އެޅުމުގެ މަސައްކަތް މިއަދުން ފެށިގެން 500 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ލަސްވެގެން އަންނަ އަހަރުގެ އޯގަސްޓް މަހު މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު މިސްކިތަށް ވެގެން ދާނެ، ހަމައެކަނި މިސްކިތެއް ނޫން މިއިކީ، މިސްކިތެއްގެ އިތުރަށް އިސްލާމީ މަރުކަޒެއްގެ ގޮތުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭނެ، އެގޮތުން މިސްކިތުގެ އިމާރާތުގެ ޖާގައިގެ ތެރޭގައި 6،000 މީހުންނަށް ނަމާދު ކުރެވޭނެ އަދި އޭގެ އިތުރަށް ބިންމަތީ މާބްލް ޖެހިފައި އޮންނަ ހަރިންމަ ތެރެއާ އެއްކޮށް ހުކުރި ދުވަސްތަކުގައި އާއި އީދު ދުވަސްތައް ފަދަ ބޮޑެތި ޖަމާއަތް ހަދަން ޖެހޭ ދުވަސްތަކުގައި އެއް ފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތް އަޅަނީ، އަލިމަސް ކާނިވަލާއި އާޓިފިޝަލް ބީޗާ ދެމެދުގައި އޮންނަ ހުސް ބިމުގަ އެވެ. ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރަނީ 24.95 މިލިއަން ޑޮލަރެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައި ވެ އެވެ.
ޓާމެކްސް ކުންފުންޏަކީ މިފަދަ ބިޔަ މަސައްކަތްތައް ކުރުމަށް މަޝްހޫރު ކުންފުންޏެވެ. މި ކުންފުނިން ރާއްޖޭގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ.