ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވަން އެދެފި

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ ޝަކުވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ސޯލިހަށް ވެސް ވަނީ ދަންނަވާފަ އެވެ.

މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ސޯލިހާއެކު އިއްޔެ ބޭއްވެވި ބައްދަލު ވުމުގައި ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށެވެ. އަދި ރަސްމީކޮށް މިސްކިތް ހުޅުވުން ލަސްވި ނަމަވެސް ނުރަސްމީކޮށް މިސްކިތް ހުޅުވައި ދޭން އެދިފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިސްކިތް ހުޅުވުން ފަސްވެފައި ވަނީ ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ހުރުމާއި ސައުދީގެ ވަފުދަށް ރާއްޖެ ނާދެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެހެންވީމަ ނަމާދު ފްލޯތައް ނުރަސްމީކޮށް ހުޅުވައި ދެއްވުމަށް. ނަމަވެސް މިއީ ޕެންޑަމިކްގެ ތެރޭ ކަމަށްވާތީ މިކަން ނިމުމުން މިސްކިތުގެ ނަމާދު ފްލޯތައް ނަމާދު ކުރުމަށް ހުޅުވާލުމަކީ މާލޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އަޅުގަނޑު ދެންނެވިން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ހުށައެޅުއްވުމާއި ގުޅިގެން ސައުދީ އެމްބަސީއާއެކު އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކޮށްފައި ވިޔަސް އަދިވެސް އެތަނުގައި ގާއިމުކުރަން ޖެހޭ ބައެއް ވަސީލަތްތައް ގާއިމު ކުރެވިފައި ނުވާ ކަމަށެވެ. މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދި އަރަބިއްޔާގެ ވަފްދެއް ރާއްޖެ ވަޑައިގަތުމަށް އެ ގައުމުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ކޮވިޑް-19 އިގެ ހާލަތުގެ ސަބަބަބުން ވަފްދުގެ ބޭފުޅުންނަށް ރާއްޖެ ވަޑައިގަތުމަށް މިވަގުތަށް ދަތިތަކެއް ހުރުމަކީ ވެސް މިސްކިތް ހުޅުވުން ލަސްވާ ސަބަބެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.