މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ބަޖެޓް ހޯދަން އެކަމަށް ހާއްސަކޮށް ޓެލެތޯނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. އެ ކައުންސިލުން މިކަން ހާމަ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަރާމާތަށް ވަރަށް ބޮޑު އިސްކަމެއް އޮތް ނަމަވެސް އެކަމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ދީފައިނުވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިސްކިތްތައް މަރާމާތުކުރުން ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސްކިތްތަކުގެ މަރާމާތަށް ބަޖެޓް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެކަމަށް ހާއްސަ ފޯރަމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފޯރަމް ޓެލެތޯނެއްގެ ގޮތުގައި ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ފޯރަމް ކުރިއަށް ގެންދާނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މި ފޯރަމް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަންޕާކުގައެވެ. ފޯރަމްގެ ތެރެއިން މިސްކިތްތަކަށް އާންމުންނަށް އެހީތެރިވެދާނެ އެވެ. ފައިސާއާ ތަކެތީގެ ގޮތުން އެހީތެރިވެވޭއިރު މިސްކިތް މަރާމާރު ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ހިމެނޭ 42 މިސްކިތް ކުރިއަށް އޮތް ރޯދަ މަހުގެ ކުރީން މަރާމާތުކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.