މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްގީ ކުރުމުގެ ވިސްނުމަށް ރައްޔިތުންގެ ހިޔާލު ހުށައަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިިފި އެވެ.
ރައްޔިތުންގެ ހިޔާލަށް އެކަން ހުޅުވާލީ ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައެވެ. ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭން ހުށަހަޅުއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މޭޔަރު ވިދާޅުވީ އެކަން އަދި އޮތީ ހަމައެކަނީ ހިޔާލެއްގެ ގޮތުގައި ކަމަށެވެ.
އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެގެންދާނީ ރައްޔިތުން އެކަމާމެދު ދެކޭގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
މޭޔަރު ހިއްސާ ކުރެހުމުގައިވާ ގޮތުން މި އިސްލާމީ މަރުކަޒަކީ ހަތަރު ބުރިއަށް އިމާރާތްކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ މަރުކަޒެކެވެ. މޭޔަރު ވިދާޅުވީ ބޮޑުގޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަގައްދެއް ކަމުން އެފަދަ ބިނާއެެއް ވަރަށް މުހިންމެވެ.
ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެތެރެއިން ހިޔާލުފާޅުކުރި ބައެއް މީހުން ވަނީ ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ ހިޔާލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަ ދައްކާފައެވެ.