ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހާއި އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅި ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބަދަލާއި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރުން މާދަމާއަށް ތާވަލުކޮށްފައިވާ އިރު މި ދައުރު ފެށުނު ފަހުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބަދަލާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، އެ ބިލާ ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ދެކޮޅު ހައްދަވާ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އެ ބިލާ މެދު ހިތްހަމަ ނުޖެހެނީ ދެ ތިން މެންބަރަކު ކަމަށާއި ކޮމިޓީ މަރުހަލާގައި ހިޔާލު އެއްގޮތް ކުރާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.
އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ. އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ގޮތަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑީޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާން ކުރެ އެވެ. އެ މާއްދާގައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކި ކޮށްގެނެއް ނުވާނެ އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝިލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރު ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނީ 10 ދުވަސް ތެރޭގަ ކަމަށާއި އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި އެންޓި ޑިފެކްޝަން ބިލެއްގެ މަސައްކަތް ފަށާއިރު ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ މަޑުޖައްސާލައިފަ އެވެ.