ރައްޔިތުންގެ މަޖިލިސް

މިއަދު މަޖިލިސް ފަށާނީ ވޯޓަށް އަހާ ގަޑީގައި!

ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނައުމަށާއި އެންޓި ޑިފެކްޝަން ބިލަށް މިނިވަން މުއައްސަސަތަކުގެ ކޮމިޓީން ގެނައި ބަދަލުތަކަށްފަހު އާންމުކޮށް މަޖިލީހުގައި ވޯޓަށް އަހާ ގަޑިއަށް މަޖިލީހުގެ މިއަދުގެ ޖަލްސާ ތާވަލުކޮށްފި އެވެ.

މަަޖިލީހުގެ ޖަލްސާތައް އާންމު ގޮތެއްގައި ފަށަނީ ހެނދުނު 9:00 ހާއިރު އެވެ. އަދި ކޮމިޓީތަކުން ފޮނުވާ މަސައްކަތްތަކުގެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު މަޖިލީސް މެދުކަނޑާލައި، 1:30 ގައި ވޯޓަށް އެހުން ބާއްވަ އެވެ. ނަމަވެސް އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނުގެ ރިޕޯޓް ހުށަހުން މިއަދު ތާވަލުކޮށްފައި ވަނީ މެނދުރު 1:00 ޖަހާ އިރަށެވެ. އެއީ އާދަކޮށް ޖަލްސާތަކުގައި ވޯޓަށް އަހަން ހުންނަ ކަންކަމަށް ވޯޓް ނާ ގަޑި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބަދަލުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ވަގުތުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލަކީ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކި ކުރުން ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލެވެ. އެގޮތަށް ބިލު ހުށަހެޅިގެން ދިޔަ ނަމަވެސް ކޮމިޓީގައި ވަނީ މިދިޔަ އަހަރުގެ ޖުލަ 13 ވަނަ ދުވަހުން ފެށިގެން އެ ބިލު ހިނގާ ގޮތަށް އިސްލާހުކޮށްފަ އެވެ. -- އެގޮތަށް ފާސްވެއްޖެ ނަމަ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ މެންބަރުކަން ގެއްލޭނެ އެވެ.