ހަބަރު

ބްރޯޑްކޮމްއަށް ނަގާ ލިސްޓްގެ ކުރީގައި 13 އިގެ ނިއުސްހެޑް

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ފަސް ނަމެއް ފޮނުއްވައިފި އެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ މަގާމު ހުސްވާތީ އެކަމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ފަސް ބޭފުޅެކެވެ.

ކޮމިޝަނުން ހުސްވަނީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ހުންނެވި މުހައްމަދު އަސްލަމްގެ މަގާމެވެ. އެ މަގާމަށް އޭނާ ވެސް ވަނީ ކުރިމަތިލައްވާފަ އެވެ. މިއަދު ރައީސް ޔާމީން މަޖިލީހަށް ނަންތައް ފޮނުވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ. އެގޮތުން އެންމެ އިސްކަން ދެއްވާފައިވަނީ ޗެނަލް13ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދަށެވެ.

ދެން އިސްކަން ދީފައިވަނީ ހ.ޕްރިޓީވިލާ، މުހައްމަދު ޝަމީމަށެވެ. އެއަށްފަހު ރ.އިނގުރައިދޫ، ކީސްވިލާ، މުހައްމަދު ސައުޒަމެވެ. އޭނާއަކީ ޗެނަލް13ގެ ކުރީގެ ސީއީއޯ އެވެ. ދެން ލިސްޓްގައި ހިމެނެނީ މިހާރު ވެސް ކޮމިޝަނުގެ މެންބަރަކަށް ހުންނެވި މުހައްމަދު އަސްލަމަށެވެ. ލިސްޓްގެ އެންމެ ތިރީގައިވަނީ ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ.

މި ނަންތައް ދިރާސާކުރުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.

މިހާރު އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ހުންނެވި އަސްލަމް އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ 2013 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.