ހަބަރު

އެންޓި ޑިފެކްޝަން ބިލު ތަސްދީގުކޮށްފި

Mar 14, 2018
6

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ ބިލު ތަސްދީގު ކުރުމާއެކު 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އަނެއްކާވެސް ބޮޑު ބަހުސަކަށް ވަނީ ގޮސްފަ އެވެ.

އެންޓި ޑިފެކްޝަން ބިލު ތަސްދީގު ކުރުމަށް ފަހު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެ ބިލުގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.

ގޮނޑިއާ މެދު ސުވާލު އުފެދިފައިވާ މެންބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އޭގައި އިތުރަށް ބުނެފައި ވަނީ އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ އެވެ. އަދި ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ހާލަތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވުމާއި އެ މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅުން ވެސް ހިމެނެ އެވެ.

އެ ގާނޫނުގެ ދަށުން 12 މެންބަރުންގެ ގޮނޑި ގެއްލިފައިވީ ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި އެ ބިލު ތަސްދީގު ކުރެއްވި ނަމަވެސް ގޮނޑި ގެއްލޭނެ އެއްވެސް ހަމައެއް ނެތެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މެންބަރު މުހައްމަދު އަމީތު 13 ޖުލައި 2017 ގެ ކުރިން ޕާޓީން ވަކިވާން ކުރަން ޖެހޭ ހުރިހާ ކަމެއް ވާނީ ނިންމާފައި ކަމަށާއި އެހެން ކަމުން މިއަދު ފާސްކުރި ބިލުންވެސް އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.