ދުނިޔެ

ޗާންސެލާ ކަމަށް ހަތަރުވަނަ ދައުރަކަށް މާކެލް ހޮވައިފި

ޖަރުމަނުގެ ޗާންސެލާ ކަމުގެ މަގާމުގެ ހަތަރުވަނަ ދައުރަކަށް އެންޖެލާ މާކެލް ހުވާ ކުރައްވައިފި އެވެ. މާކެލްއަށް އަނެއްކާވެސް ޗާންސެލާކަންް ދޭން ފާސް ކުރީ ޖަރުމަނު ޕާލަމެންޓުގައި މިއަދު ބޭއްވި ޖަލްސާއެއްގަ އެވެ.

މާކެލް އަށް ޗާންސެލާ ކަމުގެ މަގާމަށް އަލުން ވަައިގެންނެވޭ ގޮތްވީ އެތައް މަހެއް ވަންދެން އެގައުމުގެ ސިޔާސީ ޕާޓީތަކާ އެކު ކުރި މަޝްވަރާތަކަށް ފަހުގަ އެވެ. ޖަރުމަނުގައި ކޯލިޝަން ސަރުކާރެއް ގާއިމްކުރްން ޕާޓީތަކުގެ ލީޑަރުންނާއެކު މާކެލްއަށް އެއްބަސްވެވަޑައިގެންނެވުނީ ހަމަސް ދުވަހުގެ މަޝްވަރާތަކަކަށް ފަހުގަ އެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ޖަރުމަނުގައި ސަރުކާރެެއް އެކުލަވައި ނުލެވި ހޭދަވި އެންމެ ދިގު މުއްދަތެވެ.

އެއްބަސްވުމަކަށް އަދެވުނީ ޖަރުމަނުގެ މުހިއްމު ދެ މިނިސްޓްރީއެއް އެހެން ޕާޓީތަކަށްދޭން މާކެލް އާނބަސް ވިދާޅުވުމުންނެވެ. އެގޮތުން މާކެލްގެ ޕާޓީއަށް ގެއްލޭނީ ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ އެވެ.

ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތަކު އުފެއްދި ކޯލިޝަންގެ ބައެއް މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައި މާކެލްއަށް ވޯޓު ނުދެއްވާފަ އެވެ. އެގޮތުންް މާކެލް އިސްވެ ހުންނަވައިގެން ހެއްދެވި ކޯލިޝަނަށް ނިސްބަތްވާ 399 މެންބަރުން ތިބި އިރު މާކެލްއަށް ލިބިވަޑައިގެންނެވީ 364 ވޯޓެވެ.