ސިއްހަތު

ފުޅީގައި ބަންދުކުރި ފެނުގައި ޕްލާސްޓިކް!

ފުޅިފުޅީގައި ބަންދުކޮށްގެން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ފެން ޓެސްޓްކުރި އިރު ގާތްގަަނޑަކަށް އެ ހުރިހާ ބްރޭންޑެއްގެ ފެނުގައި ވެސް ޕްލާސްޓިކް ކޮޅުކޮޅު ހުރިކަން ހާމަވެެއްޖެ އެވެ.

ނޫސްވެރިކަމުގެ ޖަމިއްޔާއެއް ކަމަށްވާ އޯބް މީޑިއާއިން އިސް ނަގައިގެން ކުރި ދިރާސާއަކުން އެނގުނީ ޓެސްޓްކުރި ބްރޭންޑްތަކުގެ ފުޅިތަކުގައިވާ ކޮންމެ ފެން ލީޓަރެއްގައި އެވްރެޖްކޮށް 10 ޕްލާސްޓިކް ކޮޅު އެކުލެވޭ ކަމެވެ. އެ ދިރާސާ ކުރީ އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ފްރިޑޯނިއާ ނަމަކަށް ކިޔާ ރަށުގައިވާ ސްޓޭޓް ޔުނިވާސިޓީ އޮފް ނިއުޔޯކްގަ އެވެ.

ޓެސްޓްކުރި ބްރޭންޑްތަކުގެ ފެންފުޅިތައް ބަންދުކުރާ ކުންފުނިތަކުން އެކަމަކު ބީބީސީގައި ބުނީ އެކުންފުނިތަކުގެ ފެންފުޅި ބަންދުކުރާ ޕްލާންޓްތައް ހުންނާނީ ސާފުތާހިރު ކަމާއި ރައްކާތެރިކަމުގެ ގޮތުން އެންމެ މަތީ ފެންވަރުގައި ކަމަށެވެ.

"އަހަރެމެންނަށް [ޕްލާސްޓިކް] ފެނުނު ، ފުޅިއަކަށް ފަހު ފުޅިއަކުން، ބްރޭންޑަކަށް ފަހު ބްރޭންޑަކުން. މިއީ ވަކި ބްރޭންޑްތަކަކަށް އިނގިލި ދިއްކުރުމެއް ނޫން. މިއިން މިދައްކައިދެނީ މިކަން ހުރިހާ ތަނެއްގައި ވެސް އެބަ އޮތްކަން" ފެންފުޅިތައް ޓެސްޓްކުރުމުގައި ބައިވެރިވަޑައިގެންނެވި ޝެރީ މޭސަން ވިދާޅުވިއެވެ.

އޭނާއަކީ ސްޓޭޓް ޔުނިވާސިޓީ އޮފް ނިއުޔޯކްގެ ކެމިސްޓްރީ ޕްރޮފެސަރެކެވެ.

ޕްލާސްޓިކްގެ ވަރަށް ކުޑަ މިންވަރެއް ދިރިގެން ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވެދާނެ ކަމަކަށް ދިރާސާއަކުން އަދި ދައްކާފައެއްް ނުވެއެވެ.

ބީބީސީއާ ވާހަކަދެއްކި މާހިރުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ ފެން ތަޣައްޔަރުވުމުގެ މައްސަލަ އޮތް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މީހުން އަދިވެސް ބުއިން ރަނގަޅީ ފުޅީގައި ބަންދުކުރި ފެން ކަމަށެވެ. ކުންފުނިތަކުން ބުނަނީ އެމީހުންގެ އުފެއްދުންތަކަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުންް އެންމެ މަތީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތައް ކަމަށެވެ. މައިކްރޯ ޕްލާސްޓިކާ ބެހޭ ގަވައިދެއް ނެތްކަމާއި އެފަދަ މާއްދާތައް އެކުލެވިފައި ވޭތޯ ދިރާސާކުރާނެ ބައިނަލް އަގުވާމީ އުސޫލެއް ކަނޑައަޅާފައި ނުވާކަން ވެސް އެމީހުން ފާހަގަ ކުރެ އެވެ.

އިސްކުރުތަކުން ލިބެން ހުންނަ ފެނުގައި ޕްލާސްޓިކްކޮޅުތައް ހުންނަކަން ޕްރޮފެސަރު މޭސަން ހޯއްދެވީ މިދިޔަ 2017 ވަނަ އަހަރުއެވެ. މޫދުކާނާއާއި މޫދު ލޮނުގައި ވެސް ޕްލާސްޓިކް އެކުލެވޭކަން ދިރާސާ ކުރައްވާ އެހެން ބައެއް ބޭފުޅުން ހަމަ އެއަހަރު ހޯއްދެވިއެވެ.

މިފަހަރުގެ މަަސަައްކަތުގެ ނަތީޖާ އާއްމުކޮށްފައި މިވަނީ މާހައުލާއި ކާބޯތަކެތީގައި ޕްލާސްޓިކް އެކުލެވޭ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ ވަގުތެއްގައެވެ.

މިފަހަރުގެ ދިރާސާއަށް މާހިރުން ގަތީ މަޝްހޫރު 11 ބްރޭންޑެއްގެ ފެންފުޅިތަކެވެ. އެ ގޮތުން ގަންނާނީ ކޮން ގައުމުތަކެެއްގެ ބްރޭންޑްތަކެެއްކަން ކަނޑައެޅީ އާބާދީއަށް ބަލައިގެންނެވެ.

ޕްލާސްޓިކް ހުރި ބައިނަލްއަގުވާމީ ބްރޭންޑްތައް

އަކުއާފިނާ
ދަސާނީ
އޭވިއަން
ނެސްލޭ ޕިއޯ؛ ލައިފް
ސެންޕެލިގްރީނޯ

ޕްލާސްޓިކް ކޮޅުތައް ހުރި ގައުމީ ބްރޭންޑްތައް

އަކުއާ ( އިންޑޮނޭޝިއާ)
ބިސްލެރީ ( އިންޑިއާ)
އެޕޫރާ (މެކްސިކޯ)
ގެރޯލްސްޓެއިނާ (ޖަރުމަނު)
މިނަލްބާ (ބްރެޒިލް)
ވަހާހާ ( ޗައިނާ)

ޓެސްޓްކުރި ގޮތް

ޓެސްޓްކުރަން ފެންފުޅިތަކަށް ފަހުން އެއްޗެއް އެޅިފައި ވެދާނެ ކަމަށް ބުނުމުގެ ފުރުސަތު އޮތަ ނުދޭންވެގެން މާހިރުން ވަނީ ފެންފުޅިތައް ގަތުމުން ފެށިގެން ޓެސްޓްކުރުމާ ހަމައަށް ވީޑިއޯވެސް ކޮޮށްފައެވެ.

ފުޅިތަކުގައިވާ ފެނުގައި ޕްލާސްޓިކްކޮޅުތައް ހުރިކަން ދެނެގަތީ " ނައިލް ރެޑް" ނަކަމަށް ކިޔާ ކުލައެއް އަަޅައިގެންނެވެ. މިއީ ޕްލާސްޓިކް އެކުލެވޭތޯ ބަލަން އިނގިރޭސިވިލާތުގެ ސައިންްސްވެރިން ދާދި ފަހުން ތައާރަފްކުރި ގޮތެކެވެ. ކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެ ކުލައަކީ ފެނު ތެރޭގައި ވީއްލި ހުންނަ ޕްލާސްޓިކްކޮޅުތަކުގައި ތަތްލާ ވަކި މިންވަރެއްގެ އަލި އެޅުމުން ޕްލާސްޓިކް ކޮޅުތައް ދިއްލުވާލާ ކުލައެކެވެ.

ޕްރޮފެސަރް މޭސަންއާއި އޭނާގެ ބައިވެރިން ކުރެއްވި ކަމަކީ އެގޮތުން ކުލަ އަޅާފައިވާ ސާމްޕަލްތަކުގައިވާ ޕްލާސްޓިކްކޮޅުތައް ގުނުމެވެ. އެގޮތުން ގުނައި އަދަދުކުރީ 100 މައިކްރޯން ހަމަވާ ނުވަތަ އެއަށް ވުރެ ބޮޑެތި އެތިކޮޅުތަކެވެ. އެބޭަފުޅުން ވިދާޅުވާ ގޮތުގައި އެއަށް ވުރެ ކުދި އެތިކޮޅުތައް ޓެސްޓްކުރި ފެނުގައި މާގިނައިން އެކުލެވެއެވެ. އެގޮތުން ލިޓަރެއްގައި އެވްރެޖްކޮށް 314 އެތިކޮޅު އެކުލެވެއެވެ.

ފެެނުގައި އެކުލެވިފައި ހުރި ޕްލާސްޓިކްގެ ބާވަތްތައް

ޕޮލިޕްރޮޕީލީން :( ފުޅީގެ މަތި ހަދަން ބޭނުންކުރާ ޕްލާސްޓިކް) 54 ޕަސެންޓް

ނައިލޯން : 16 ޕަސެންޓް

ޕޮލިސްޓްރީން: 11 ޕަސެންޓް

ޕޮލިތީލިން : 10 ޕަސެންޓް

ޕޮލިސްޓާ : ހަޕަސެންޓް

އެހެނިހެން: ތިން ޕަސެންޓް

ނަތީޖާއަށް އިތުބާރު ކުރެވޭ

ޕްރޮފެސަރް މޭަސަންއާއި ޓީމުން ކުރި ދިރާސާ ސައިންސް ޖާނަލްއެއްގައި އަދި ޝާއިއު ނުކުރާތީ އެ ދިރާސާގެ ނަތީޖާއަށް އިތުބާރު އޮތް މިންވަަރާ ބެހޭ ގޮތުން ބީބީސިން ވަނީ މާހިރުންގެ ބަސް ހޯދާފައެވެ. އެގޮތުން ނައިލް ރެޑް ޓެކްނިކް ތަރައްގީ ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށްވާ ޑރ. އެންޑްރޫ މާޔިސް ވިދާޅުވީ އެ ޓެކްނިކަކީ އެނަލިޓިކަލް ކެމިސްޓްރީގެ މަތީފެންވަރުގެ ޓެކްނިކެއް ކަަމަށެވެ. އަދި އެގޮތުން ހޯދާ ނަތީޖާއަކީ ފެންވަރު ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ނަތީޖާއަކަށް ވާނެ ކަމަށް ވެސް އެނާ ވިދާޅުވެފައި ވެއެވެ.

ޑރ. މާޔިން އަކީ ޔުނިވާސިޓީ އޮފް އީސްޓް އެންގީލާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ އޮފީސް އޮފް ގަވަމެންޓް ކެމިސްޓް އަށް ލަފާދެއްވާ މައިކަލް ވޯކާ ވެސް ވިދާޅުވީ ދިރާސާ ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.