ދުނިޔެ

ކެނެޑާގައި ކޮންމެ ސިނގިރޭޓެއްގައި އިންޒާރެއް

ކެނެޑާގައި ސިނގިރޭޓް ވިއްކާ ނަމަ، ވިއްކާ ކޮންމެ ސިނގިރޭޓެއްގައި ސިއްހީ އިންޒާރުގެ މެސެޖެއް އޮތުން ލާޒިމުކޮށްފި އެވެ.

މިގޮތުން ވަކިވަކި ސިނގިރޭޓުގައި ލިޔުމަށް ފާސްކޮށްފައި ހުރި ސިއްހީ އިންޒާރުގެ ތެރޭގައި، "ޕޮއިޒަން އިން އެވްރީ ޕަފް"، "ސިގަރޭޓްސް ކައުސް އިމްޕޮޓެންސް"، "ސިގަރޭޓްްސް ކޯޒް ކެންސާ"، "ޓޮބޭކޯ ސްމޯކް ހާމްސް ޗިލްޑްރަން" އަދި "ސިގަރޭޓްސް ޑެމޭޖް ޔުއާ އޯގަންސް" ފަދަ މެސެޖްތައް ހިމެނެ އެވެ.

ކެނެޑާ އަކީ ދެ ބަހަކުން ވާހަކަދައްކާ ގައުމަކަށް ވާތީ ސަރުކާރުން ލާޒިމްކުރަނީ އެ ދެ ބަހުން -- އިނގިރޭސި އާއި ފްރެންޗް ބަހުން އިންޒާރުގެ މެސެޖްތައް ޖެހުމަށެވެ.

ކެނެޑާގެ ހެލްތު މިނިސްޓަރު ކެރޮލީން ބެނެޓް ވިދާޅުވި ގޮތުގައި ސިނގިރޭޓްގެ ސަބަބުން އެ ގައުމުގައި އަހަރަކު 48،000 މީހުން މަރުވެ އެވެ. ދުންފަތް ބޭނުންކުރާ މީހުން މަދުކުރުމަށްޓަކައި މިފަދަ މެސެޖުތަކެއް ސިނގިރޭޓުގައި ޖަހަން ޖެހުނީ ކަމަށްވެސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް އިންޒާރު ދިނުމުގައި ކެނެޑާ އުޅެނީ ވަރަށް ކުރީގަ އެވެ. ސިނގިރޭޓް ފޮށީގައި 2001 ގައި އިންޒާރުގެ މެސެޖް ޖަހަން ފެށުމާއެކު މިކަމުގެ ތެރެއަށް އެންމެ ފުތަމަ ވަތް ގައުމުތަކުގެ ތެރޭގައި ކެނެޑާ ހިމެނެ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުައި ޒުވާން ޖީލުތައް ސިނގިރޭޓުން ދުރުކުރުމަށް ސަރުކާރުން ހޭދަކުރަން ޖެހުނު ނަމަވެސް އޮތީ އެކަން ކުރާ ގޮތަށެވެ.

ސިނގިރޭޓް ބޯ މީހުން މަދުކުރުމުގެ ނިޔަތުގައި ސިނގިރޭޓުގެ އަގު ވެސް ވަނީ ވަރަށް ބޮޑު ތަން ބޮޑުކޮށްފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލްކުރުމާ ގުޅޭ އެއްޗެއް ކެނެޑާއަށް އެތެރެކުރާނަމަ ބޮޑު ޓެކުހެއް ނަގާ ގޮތަށް ވެސް އޮތީ ފާސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުން އަޅާ ހަރުކަށި ފިޔަވަޅުތަކުން ރެކެން މަސައްކަތްކުރާ މީހުން ދުންފަތާ ގުޅުން ހުރި މާއްދާތައް ވަގަށް އެތެރެކޮށް ވަގު ވިޔަފާރިކުރަމުން ގެންދެ އެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި ދެމުން ގެންދާ އިންޒާރުތަކަށް ބެލުމެއް ނެތި ސިނގިރޭޓް އުފައްދައި މާކެޓްކުރާ ނެޓޯވޯކްތައް ވެސް ކެނެޑާގައި ބައިވަރެވެ.