ދުނިޔެ

ތެރަނޯސްގެ ސީއީއޯ، އެލިޒަބަތު ހޯމްސް 11 އަހަރަށް ޖަލަށް

މިހާރު ބަނގުރޫޓުވެފައި އޮތް ތެރަނޯސް ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އެލިޒަބަތު ހޯމްސް 135 މަހަށް ޖަލަށްލުމަށް އިއްޔެ -- ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

ތެރަނޯސް އަކީ ސިއްހީ ސިނާއަތަށް އާ ޓެކްނޮލޮޖީ ތައާރުފުކުރުމުގެ ނިޔަތުގައި 2023 ގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ ވެސް އެލިޒަބަތު ހޯމްސް އެވެ. އެއިރު އޭނާގެ އުމުރަކީ 19 އަހަރެވެ.

އޭގެ ދުވަސްތަކެއް ފަހުން އެ ކުންފުނިން ލޭ ޓެސްޓްކުރަން އާ ޓެކްނޮލޮޖީއެއް ތައާރުފުކުރި ކަމަށް ވަކާލަތުކުރި އެވެ. އަދި އެއީ ލޭގެ ވަރަށް މަދު މިންވަރަކުން ހުރިހާ ޓެސްޓެއް ކުރެވޭ ޓެކްނޮލޮޖީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެން ނަމަވެސް، ޝައްކުތަށާއި ވަހުމުތަކަށް ފުރުސަތު އޮތުމުން ތަހުގީގީ ނޫސްވެރިންނާއި ސިއްހީ މާހިރުން ތެރަނޯސްއިން ހޯދި ކަމަށް ބުނި އާ ޓެކްނޮލޮޖީގެ ހަގީގަތް ފަޅާއަރުވާލި އެވެ.

ފަހުން އެނގުނު ގޮތުގައި ސީއީއޯ އެލިޒަބަތު ހޯމްސް އިސްވެ ހުންނަވައި އެ ކުންފުނިން ހަދާފައި ވަނީ ބުހުތާން ދޮގެކެވެ.

ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި ހޯމްސް ވަނީ އިންވެސްޓަރުންނަށާއި ބަލި މީހުންނަށް ވަރަށް ބޮޑަށް ދޮގުހައްދަވައި ރޭވުންތެރިކަމާ އެކު ގަސްދުގައި އޮޅުވާލައްވާފަ އެވެ. އަދި އިންވެސްޓަރުން ހޯއްދެވުމަށްޓަކައި ހިސާބުތައް އޮޅުވާލައްވައި ކުންފުންޏަށް ވަރަށް ބޮޑަށް ފައިދާވާ ކަމަށް ވިދާޅުވެފަ އެވެ.

ހޯމްސް އަށް އޮތް ޖަލު ހުކުމް ތަންފީޒުކުރުމަށްޓަކައި މެއި 30 ގައި ޖަލަށް ހާޒިރުވާނެ އެވެ. އަދި މާބޮޑު ރައްކާތެރިކަމެއް ނެތް ޖަލެއްގައި އޭނާ 11 އަހަރު ހޭދަކުރައްވާނެ އެވެ.