ދުނިޔެ

އައިސީއައިސީއައި ބޭންކުގެ ކުރީގެ ސީއީއޯ ޗަންދާ ކޯޗަރު ހައްޔަރުކޮށްފި

އިންޑަސްޓްރިއަލް ކްރެޑިޓް އެންޑް އިންވެސްޓްމަންޓް ކޯޕޮރޭޝަން އޮފް އިންޑިއާ (އައިސީއައިސީއައި) ބޭންކުގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޗަންދާ ކޯޗަރް ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ އޮފިޝަލަކު ރޮއިޓާސްއަށް ހުކުރު ދުވަހު މައުލޫމާތު ދިން ގޮތުން އޭނާ ހައްޔަރުކުރީ އެ ބޭންކާއި ވީޑިއޯކޯން ގްރޫޕާ ގުޅުން އޮތް ލޯނެއް އޮޅުވާލުމުގެ މައްސަލާގަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ކޯޗަރުގެ ފިރިމީހާ ދީޕަކް ކޯޗަރް ވެސް ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިސީއައިސީއައި ބޭންކުގެ ސީއީއޯގެ މަގާމުން ކޯޗަރް ވަކިކުރަން ޖެހުނީ ވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެނާ ވަކިކުރީ 2019 ވަނަ އަހަރު އެވެ.

ކޯޗަރު މަގާމުން ވަކިކުރީއްސުރެ އޭނާއާ ބެހޭ ގޮތުން ހުށަހެޅިފައި ހުރި މައްސަލަތައް ބަލަމުންދިއަ ކަމަށް ސީބީއައިއިން ބުނެ އެވެ.

ސީބީއައިއިން ބުނީ ކޯޗަރު ހައްޔަރުކުރީ ވީޑިއޯކޯން އިންޑަސްޓްރީޒްއަށް ލޯނު ދޫކުރުމުގައި އައިސީއައިސީއައިގެ ލޯނު ދޫކުރުމާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ސާބިތުވުމާ ގުޅިގެން ކަމަށެވެ.

ވީޑިއޯކޯން އިންޑަސްޓްރީޒްއަށް ލިބުނު ބިޔަ ލޯނަށް ޝުކުރު އަދާކުރުމަށް ކޯޗަރަށް ދިން ހަދިޔާއަކީ އޭނާގެ ފިރިމީހާ ހިންގާ ކުންފުންޏެއްގައި އިންވެސްޓްކުރުން ކަމަށް ސީބީއައިއިން ބުނެ އެވެ.