ދުނިޔެ

އިންޑިއާ ހޮސްޕިޓަލެއްގައި އަލިފާންރޯވެ 10 ތުއްތު ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަރުވި ކުދިންގެ އަދަދު 10 އަކަށް އަރައިފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވެސް ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވީ އެންމެ ތުއްތު ކުދިން -- އަލަށް އުފަންވެ އަދި ފަރުވާއަށް ބޭނުންޖެހިފައި ތިބި ތުއްތު ކުދިން އެޑްމިޓްކުރާ ނިއޮނޭޓާލް އިންޓެސިވް ކެއާ ޔުނިޓެއްގަ އެވެ.

އަލިފާން ރޯވި ވަގުތު 50 އަށް ވުރެ ގިނަ ކުދިން އެޑްމިޓްކޮށްފައި ތިބި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. މީގެތެރެއިން 10 ތުއްތު ކުއްޖަކު މަރުވީ އެވެ. ބާކީ ތިބި ކުދިން އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލްތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރެއް ނުވެ އެވެ. އެކަން ބަލައި ހޯދުމަށް އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ.

ލިބެން ހުރި މައުލޫމާތުން އަދި އަލިފާނުގެ ޒާތުން ބެލެވެނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ރޯވީ ކަމަށް އަލިފާން ނިއްވާ އޮފިޝަލުން ވިދާޅުވި އެވެ.

އިންޑިއާގައި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރުވާކުޑަކަމުން މި ކަހަލަ ހާދިސާތައް ވަރަށް ގިނައިން ހިނގަ އެވެ. ހޮސްޕިޓަލުތައް މާބޮޑަށް ބާވުމާއި އަދި އަޅާލުން ކުޑަވުމުގެ ސަބަބުން ވެސް މިފަދަ ހާދިސާތައް ހިންގުން ވަނީ އިތުރުވެފަ އެވެ.

މި ހާދިސާ ހިނގި ގޮތް ހޯދުމަށްޓަކައި މަރުވި ކުދިންގެ ޑީއެންއޭ ހެދުމަށް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް މިކަން އަދި މުޅިން ނުނިންމަ އެވެ.