ދިވެހި ސަރުކާރުގެ އެކި އެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެކި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފަދަ ހުރިހާ ބާރެއް ބޭނުން ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލާ ގަރާރެއް އީޔޫ ޕާލަމެންޓުން ފާސްކޮށްފި އެވެ.
ހަތް ޕާލަމެންޓްރީ ގްރޫޕުން ސްޕޮންސާ ކޮށްފައިވާ ގަރާރަށް ބަހުސް ކޮށް އެ ގަރާރުން ފާސްކުރީ ފްރާންސްގެ ސްޓްރަސްބާގްގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.
އެ ގަރާރުގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މަރުގެ އަދަބުދޭން ފަށަން އުޅޭ އުޅުން ކުށްވެރިކުރުން ތަކުރާރު ކުރުމާއި އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އުޅޭ ނަމަ ރާއްޖޭގައި އަދަބުދޭ ދިނުން ކުށްވެރި ކުރަން ހިމަނާފައިވާއިރު ދެން ހިމެނެނީ ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރުކޮށް، ސިޔާސީ ނުފޫޒެއް ނެތް ޝަރީއަތެއް ލިބުމުގެ ހައްގު ރައްޔިތުންނަށް ކަށަަވަރު ކޮށް ދިނުމެވެ.
ރާއްޖޭގެ ސުޕްރީމްކޯޓަށް ނުފޫޒަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ފަނޑިޔާރުންނަށާއި ކޯޓުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށް ތުހުމަތުކޮށް އެކަން ވެސް ކުށްވެރިކޮށްފައި ވެއެވެ.
އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއުލާނު ކޮށް، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ސަރުކާރުން ގެންގުޅޭ ގެންގުޅުން އީޔޫއިން ކުރިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އީޔޫ ފޮރިން އެފެއާޒް ކައުންސިލް އިން ފާސްކުރި ގަރާރުގައި އިންޒާރުކޮށްފައި ވަނީ ހާލަތު ބަދަލުނުވާ ނަމަ ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.