ބޭރު ކުޅިވަރު

ލިވަޕޫލަށް ގަދަ ހަތަރުން ޖާގަ ހޯދޭނެ: ރޮޖާސް

އިނގިރޭސި ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިނުވެ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު މާޓިން ސްކާޓާލް ޖެހި ލަނޑުންނެވެ.

ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެތިއު ޑެބޫޗީ ޖެހި ލަނޑުންނެވެ. އަދި އާސެނަލް އިން ލީޑު ނެގީ މެޗުގެ 64 ވަނަ މިނިޓުގައި އޮލިވިއޭ ޖިރޯ ޖެހި ލަނޑުންނެވެ.

މެޗުގެ ފަހުކޮޅު ލިވަޕޫލްގެ ފަބިއޯ ބޮރީނީ އަށް ރަތްކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ.

ލިވަޕޫލް މިހާރު އޮތީ 22 ޕޮއިންޓާއެކު ތާވަލްގެ ދިހަ ވަނައިގަ އެވެ.

"ގަދަ ހަތަރަކަށް އަހަރެމެންނަށް ވާދަކުރެވޭނެބާ؟ އަހަންނަށް ޔަގީން ކުރެވޭނެކަން،" މެޗަށް ފަހު ރޮޖާސް ބުންޏެވެ.

"އެންމެ މުހިންމު ކަމަކީ މިހާރު އަހަރެމެން ރަނގަޅު މަގުގައި އޮތުން. ދިހަ ކުޅުންތެރިންނާއެކު ވެސް މެޗުގެ އެންމެ ފަހު ސިކުންތާ ހަމައަށް އަހަރެމެން ހިތްވަރުކުރިން."

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ރަނަރަޕް ލިވަޕޫލް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ލިބިފައެއް ނުވެ އެވެ.

އެކަމަކު ރޮޖާސް ބުނީ ލިވަޕޫލް އިން ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށާއި އަނިޔާގެ ސަބަބުން ކުުޅުމާ ދުރުގައި ހުރި ފޯވަޑް ޑެނިއެލް ސްޓަރިޖް އަންނަ މަހު ކުޅެން ނުކުތުމުން ޓީމަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

"އަންނަ މަހު ސްޓަރިޖް ކުޅެން ނުކުންނާނެ ކަމަށް މި ބަލަނީ. އޭރުން ލިވަޕޫލް އިތުރަށް ވަރުގަދަވާނެ،" ރޮޖާސް ބުންޏެވެ.