ރައްޔިތުންގެ މަޖިލިހުން 2016 ވަނަ އަހަރު ރަސްމީ ދަތުރުތައް ކުރުމަށް ފައިސާ ދެއްކި ޓިކެޓްތަކުގެ ތެރެއިން 582،889 ރުފިޔާގެ ޓިކެޓް ކެންސަލްކުރި ކަމަށާއި ނަމަވެސް އެ ފައިސާ އަދިވެސް އަނބުރާ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
މިއަދު ނެރުނު އޮޑިޓުގައި 2016 ވަނަ އަހަރު ގަވާއިދާ ހިލާފަށް އެއްވެސް ހަރަދެއް މަޖިލީހުން ކޮށްފައިވާ ކަމަކަށް ނުދައްކަ އެވެ. ހަރަދުތައް ކޮށްފައިވަނީ އެ އަހަރު މަޖިލީހަށް ކަނޑައެޅި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް މާލިއްޔަތުގެ ގަވާއިދާ އެއް ގޮތަށެވެ.
ނަމަވެސް ހަރަދުތައް ކުރުމުގައި އިހުމާލުވެފައިވާ ދެ ކަމެއް އެ ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. ކެންސަލްކުރި ޓިކެޓްތަކުގެ ރިފަންޑް ފައިސާ މިއަހަރުގެ ޖެނުއަރީމަހާ ހަމައަށް ވެސް ހޯދާފައި ނުވާކަން ފާހަގަކޮށްފައިވަނީ އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގަ އެވެ. އެ ފައިސާ ހޯދަން އެއް މަސްދުވަހުގެ މުއްދަތެއް ދީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެނަމަ ފިޔަވަޅު އަޅައިގެންވެސް ފައިސާ ހޯދައި ދައުލަތަށް އެ ފައިސާ ހަވާލުކުރަން އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.
2016 ވަނަ އަހަރު މަޖިލީހުން ކުރި ހަރަދުތަކުގެ ތެރެއިން އެ އިދާރާއަށް ބޭނުންވި ފަރުނީޗަރާ އެހެންވެސް ހަރު މުދާ ގިނަ އަދަދަކަށް ގަތްއިރު، ހިސާބު ބަލަހައްޓާފައި ނުވާތީ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއް ފެންނަން ނެތްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ހަރުމުދާ ގަތުމަށް އެ އަހަރު މަޖިލީހުން 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ އެތަނުގައި ހުރި މުދަލުގެ ސައްހަ އަގު ކަން ކަށަވަރުކުރެވިފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކަމުގެ ހައްލެއްގެ ގޮތުގައި ލަފާދެއްވާފައިވަނީ ހިލޭ ލިބޭ މުދަލާއި އެހެންވެސް ގޮތްގޮތުން ހޯދާ މުދަލާއި ގަންނަ މުދާ ގަވާއިދުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށެވެ. އަދި ގަވާއިދުން ކުރާ ހަރަދާއި ލިބޭ ތަކެތި ޗެކުކޮށް އެކަމަށް ކަނޑައެޅޭ މީހަކު ލައްވައި ސޮއިކުރުވައިގެން ތަކެތި ބެލެހެއްޓުމަށް ވެސް އެ މައްސަލަތަކާ ގުޅިގެން ވަނީ ލަފާދެއްވާފަ އެވެ.