ހަބަރު

ސިނާނާއި އިލްހާމް ބަންދުގައި ބޭތިއްބީ ގާނޫނާ ހިލާފަށް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ގިނަ ދުވަސްތަކެއް ބަންދުގައި ބައިތިއްބުމަށްފަހު އެސްއޯއީ ނުނިމެނީސް ބަންދު މުއްދަތު ޖެހުމުން، މިހާތަނަށް އެ ދެ ބޭފުޅުން ތިބީ ފުލުހުންގެ ޣައިރު ގާނޫނީ ބަންދެއްގައިކަން ސާބިތުވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

މެންބަރު ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ. ދެ ބޭފުޅުން ވެސް މިއަދު މުއްދަތު ޖަހަން ޝަރީއަތަށް ހާޒިރު ކުރީ ވަކީލަކު ނެތި އެވެ.

އެކަމާ ގުޅިގެން ސިނާން އާއި އިލްހާމްގެ ވަކީލުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނީ، ސިނާން އާއި އިލްހާމް މިހާ ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު އެސްއޯއީ ނުނިމެނީސް ވަކީލަކާ ވެސް ނުލައި ކޯޓަށް ހާޒިރުކޮށް ބަންދަށް މުއްދަތު ޖެހުމުން އެނގެނީ، މިހާތަނަށް އެއިން އެއްވެސް ކަމެއް ނުކޮށް އެ ދެބޭފުޅުން ބަންދުގައި ބޭތިއްބީ ކޮންމެހެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނޫން ކަން ޔަގީންވާ ކަމަށެވެ. އަދި އެއީ އެ ދެ މެންބަރުން ބަންދުކޮށްގެން ގެންގުޅެފައިވަނީ ގާނޫނީ އެއްވެސް ހަމައެއް ނެތި، ކަނޑައެޅިގެން ގާނޫނާ ހިލާފަށްކަން އެނގޭގޮތަށް ފުލުހުން ވެފައިވާ އިއުތިރާފެއް ކަމަށެވެ.

"ކުއްލި ހާލަތުގެ ގަރާރު ހިނގަ ހިނގާ އޮއްވައި މިއަދުގެ ވަގުތެއްގައި ކުއްލިއަކަށް އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވާކަމީ މީގެ ކުރިން އެ ދެ މެންބަރުން ފުލުހުންގެ ބަންދުގައި ގެންގުޅެފައިވަނީ ގާނޫނީ އެއްވެސް ހަމައެއް ނެތި ކަނދައެޅިގެން ގާނޫނާ ހިލާފަށް،" ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

ސިނާން އާއި އިލްހާމް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުގެ ތެރެއިންނެވެ. ނަމަވެސް އެެއަށް ފަހު ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް އެ ދެ މެންބަރުން ހޯދަން ފުލުހުން އިއުލާން ކުރުމާ ގުޅިގެން ސިނާން އަމިއްލަ ފުޅަށް ފުލުހަށް ހާޒިރުވެ ވަޑައިގަތެވެވެ. އިލްހާމް ހާޒިރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.

އެ ދެ ބޭފުޅުންނަށް ވެސް ކުރަނީ ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތެވެ.