ހަބަރު

އެންޓި ޑިފެކްޝަން ގާނޫނުގައި 13 ޖުލައި ޖެހުމުގައި ގާނޫނީ ހުރަހެއް ނެތް: ދައުލަތް

މާޒީއަށް ރުޖޫވެ ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ގޮތަށް ގާނޫނުތައް ފާސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ބަހުސެއް ކޮށްފި އެވެ. ބަންޑާރަ ނައިބުގެ ފަރާތުން މިއަދު ބުނީ ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ގޮތަށް ޖިނާއީ ނުވަތަ މަދަނީ ކުށެއްގެ އަދަބު ކަނޑަނާޅާ ގާނޫނުތައް ހެދުމަކީ ގާނޫނު އަސާސީގެ އުސޫލުތަކާއި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ކުރެވިދާނެ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ހާލަތްތަކެއް ވުޖޫދުކޮށް މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމެއް ކަމަށް ދުސްތޫރީ މައްސަލައެއް، އިދިކޮޅުގެ ތިން ބޭފުޅުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ހުސެއިނާއި އަނާރާ ނައީމް ވަނީ ހުށަހަޅުއްވާފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ތިން ބޭފުޅުންގެ ވަކީލް ސަފާ ޝަރީފް ވަނީ އެ ގާނޫނު ބާތިލުކޮށްދޭން އެދޭ ސަބަބުތައް ކިޔައިދެއްވާފަ އެވެ. ސަފާ އެންމެ ބޮޑަށް ފާހަގަކުރެއްވީ މި ގާނޫނު މާޒީއަށް ހިނގާ ގޮތަށް އޮތުމެވެ. އެއީ ގާނޫނުގެ ބާރު މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ހިނގާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ. ސަފާ ވިދާޅުވީ އެއީ ސުޕްރީމް ކޯޓުގެ ނިންމުމާއި މާނަކުރާ ގާނޫނުގައިވާ ގޮތާ ހިލާފު ކަމެއް ކަމަށެވެ. ސަފާ ފާހަގަކުރެއްވީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަފްސީލްކޮށް ނެރުނު އަމުރަށެވެ. އެ އަމުރުގައި މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ގޮތަށް ކަންކަން ތަރުތީބު ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. މާނަ ކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ (ބ)ގައި ގާނޫނެއް ހިނގާނީ އެ ގާނޫނެއް އެކުލަވާލާ ދުވަހުން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ މާޒީއަށް ގާނޫނު ރުޒޫއަކުރުން އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ސަފާ ވިދާޅުވީ އެ ތާރީހު ގާނޫނުގައި ހިމަނާފައިވުމުން އެނގެނީ މަޖިލީހަށް އޮތް ގާނޫނު ހެދުމުގެ ބާރުގެ ބޭނުން ނާޖައިސް ގޮތުގައި ހިފަމުންދާކަން ކަމަށެވެ. އެއީ ބަޔަކާމެދު އޮތް ޒާތީ ކަމެއްގައި ސަރުކާރުން ހިންގާފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ސަފާ އިޝާރަތް ކުރައްވީ 12 މެންބަރުންނަށެވެ.

ސަފާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މާޝާ ލުތުފީ ވިދާޅުވީ ފްލޯ ކްރޮސިންއަކީ ރާއްޖެއިން ނައްތާލަންވެފައިވާ ކަމެއް ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ޖުލައި 13 ގައި ހުކުމްކޮށްފައިވާއިރު އެ ދުވަހުން ފެށިގެން އެއީ ގާނޫނީ ގޮތުން މަނާ ކަމަކަށްވެފައިވާ ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނުގައި އެ ހުކުމާ ހިލާފަށް އެއްވެސް ކަމެއް ހިމަނާފައިނުވާ ކަމަށް ވެސް މާޝާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވީ 13 ޖުލައި ވަނަ ދުވަހުން ފެށިގެން އެ ހުކުމް ހިނގާނެ ކަމަށް ހުކުމްގައިވެސް ބުނާއިރު ގާނޫނުގައި ވެސް ބަޔާން ކުރީ އެ ތާރީހު ކަމަށެވެ. ހުރެ ބަހައްޓާފައި ގާނޫނުގައި ތާރީހެއް ޖެހީ ނޫން ކަމަށެވެ. އަދި މާޒީއަށް ރުޖޫއަވާ ގޮތަށް ގާނޫނު ހެދުމަކީ ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތަށް ގާނޫނު ހެދުން މަނާ ވަނީ އެ ގާނޫނަކީ ޖިނާއީ ނުވަތަ މަދަނީ އަދަބެއް ކަނޑައަޅާ ގާނޫނަކަށް އެކަނިވާ ނަމެވެ. އެގޮތުން މާޝާ ވަނީ ހައިކޯޓާއި ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ މައްސަލައެއްގެ ހުކުމް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޓޫރިޒަމް ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި މާޒީއަށް ރުޖޫއަވާ ގޮތަށް ގާނޫނެއް ނުހެދޭނީ މަދަނީ އަދި ޖިނާއީ ކުށެއްގެ އަދަބު ކަނޑައެޅޭނަމަ ކަމަށް ބުނެފައިވާ ކަމަށެވެ.

ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ނުވާނެ ކަމަށް ބުނެފައިވަނީ އެ ހުކުމް ކަމަށާއި އެއީ ޖެނަރަލް ޕްރިންސިޕަލެއް ނޫން ކަމަށެވެ. އެކަމުގައި ބަަލަންޖެހޭނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކަށް ކަމަށެވެ. މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ނުވާނެ ކަމަށް ބުނެފައިވަނީ އެ ހުކުމް ކަމަށެވެ.

އެ ނުކުތާގެ އިތުރަށް ސަފާ ފާހަގަކުރެއްވީ ގާނޫނުތަކަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަންކަން ހިމެނޭ އެއްޗަކަށް ވާއިރު އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ނުތިއްބަވަނީސް އެ ގާނޫނު ފާސްކޮށްފައިވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު އެ މެންބަރުން ނުލާ އެ ޖަލްސާ ކުރިއަށް ގެންގޮސްފައިވުމެވެ. ސަފާ ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

ސަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާގައި ހިމަނާފައިނުވާ ހާލަތެއް ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް ގާނޫނެއްގައި ނުހިމެނޭނެ ކަމަށެވެ. ގާނޫނު އަސާސީގައި ކަމެއް ބަޔާންކޮށްފައިވާއިރު އެއާ ހިލާފުވާ ގޮތަށް ގާނޫނުތައް ހެދުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބޭ ބާރު ވެސް އެ ގާނޫނުން ކަނޑުވާލާފައިވާ ކަމަށް ސަފާ ވިދާޅުވި އެވެ. އެއީ މެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ބުނާ މާއްދާ އެވެ.

ސަފާ ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނުން ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި މެންބަރުންގެ މައްޗަށް ޕާޓީތަކުގެ ނުފޫޒު ފޯރުވާ ގޮތަށް އެ ގާނޫނު ބައްޓަންކޮށްފައިވާ ކަމަށެވެ. މެންބަރެއްގެ ގޮނޑިއާމެދު ގޮތެއް ނިންމުމުގެ ބާރު ސިޔާސީ ޕާޓީތަކަށް އޮތުމަކީ ނުރައްކާ ކަމެއްކަން ފާހަގަކުރައްވަމުން ސަފާ ވިދާޅުވީ އެއީ ވެރިކަން ކުރާ ބާރަށް މަޖިލީހަށާއި މެންބަރުންނަށް ނުފޫޒު ފޯރުވަން ލިބޭ ފުރުސަތެއް ކަމަށެވެ. އެއީ ޗެކް އެންޑް ބެލެންސް ނިޒާމާ ހިލާފު ކަމެއް ކަމަށެވެ.

ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މާޝާ އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވެސް ބުނަނީ އެ ހަތަރު ހާލަތް މެދުވެރިވެއްޖެނަމަ މެންބަރުން މެންބަރުކަމުން ވަކިވާނެ ކަމަށް ކަމަށެވެ. ދެން ޖެހިގެން އޮންނަ މާއްދާގައި އޮންނަނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށެވެ. އެންޓި ޑިފެކްޝަން ގާނޫނުގައިވާ ހާލަތްތައް މެދުވެރިވުމުން ގޮނޑި ގެއްލޭ ހާލަތްތަކުގައި ވެސް ސުޕްރީމް ކޯޓަށް ދިޔުމުގެ ފުރުސަތު އޮތްއިރު ސުޕްރީމް ކޯޓުގެ ބާރެއް ކެނޑޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މީގެކުރިން ވެސް އެފަދަ ހާލަތެއްގައި ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިކަން މާޝާ ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅުއްވި މެންބަރު އަނާރާ ނައީމް ވެސް ވާހަކަ ދެއްކެވި އެވެ. އަނާރާ ވިދާޅުވީ ގާނޫނު އަސާސީގައި ކަމެއް ބަޔާންކޮށްފައިވާއިރު އެއަށް ކަންކަން އިތުރުކުރަން ގާނޫނުތައް ހެދުމަކީ ގާނޫނު އަސާސީ "ވީރާނާކޮށްލުން" ކަމަށެވެ. އަދި އެއީ ހުޅުވައިދޭ ވަރަށް ނުރައްކާތެރި ދޮރެއް ކަމަށެވެ. މިސާލެއް ވެސް ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަން ބުނެފައިވާއިރު އެއަށް އިތުރު ކަންތައްތަކެއް ބަޔާންކޮށް ގާނޫނެއް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަން އަނާރާ ވިދާޅުވި އެވެ.

އޭގެއިތުރަށް އަނާރާ ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި އޮތް ގާނޫނެއް ނޫން ކަމަށާއި އެކަމަކީ ބަރުލަމާނީ ސިފައެއް ކަމަށެވެ. އެހެންވެ އެ ގާނޫނު ބާތިލުކޮށް ރާއްޖޭގައި ރިޔާސީ ނިޒާމްގެ ސިފަ ގެއްލިގެން ނުދާނެ ގޮތް ހައްދަވައިދެއްވުމަށް އަނާރާ އެދިވަޑައިގަތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ވަނީ މަޖިލީހުގެ ކޯރަމްއާ ގުޅޭ ގޮތުން ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފަ އެވެ. އެހެންވެ އެކަމަށް ދެ ދުވަސް ދެއްވައި އަންނަ އަންގާރަ ދުވަހަށް ދެން އަޑުއެހުމެއް ތާވަލުކޮށް މިއަދު އަޑުއެހުން ނިންމާލެއްވި އެވެ.