ހަބަރު

ހިސާން ކޯޓަށް ގެންދިޔައީ އާބިޓްރަރީ ޝަރީއަތެކޭ ވިދާޅުވުމުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތާ ގުޅިގެން ވަކީލް ހިސާން ހުސެއިން އިއްޔެ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. އިއްޔެ ކުރިއަށް ގެންދިޔަ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ހިސާން ސިފަކުރެއްވީ އާބިޓްރަރީ ޝަރީއަތެއްގެ ގޮތުގަ އެވެ.

ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ ވަކީލުކަން ކުރައްވާ ހިސާން ހުސެއިނަށް ކުރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ މިއަދު ހަވީރު 4:30ގައި އެވެ. އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވަނީ އާބިޓްރަރީކޮށް ކަމަށް ވިދާޅުވުމަކީ ކޯޓާމެދު ނޭދެވޭ ތަސައްވުރެއް އުފެދޭ ކަމަކަށްވާތީ އެވެ.

ހިސާން އިއްޔެ ދެއްވި އިންޓަވިއުގައި ކޯޓާމެދު ނޭދެވޭ ތަސައްވުރެއް އުފެދޭ ފަދަވާހަކަތަކެއް ދެކެވިފައިވާތީ، އެކަމަށް މާފަށް އެދިވަޑައިގެން މިއަދު ކޯޓަށް ބަޔާނެއް ދެއްވި އެވެ.

އިއްޔެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިސާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ޓްވީޓް ކުރައްވައި މީޑިއާއަށް އިންޓަވިއުއެއް ވެސް ދެއްވާފައިވެ އެވެ.

ހިސާން އިއްޔެ ކުރެއްވި ޓްވީޓް

އިއްޔެ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ ވަކީލް ހުސްނުއް ސުއޫދު ވަނީ ޝަރީއަތް ހިންގަނީ ކޮން އިޖުރާއަތަކުންތޯ އައްސަވާފަ އެވެ. އެއާއެކު ގާޒީ ވިދާޅުވީ ޝަރީއަތް ހިނގަނީ އާންމު އިޖުރާއަތުގެ ދަށުން ކަމަށެވެ.

އެކަމާ ގުޅިގެން ވަކީލް ސުއޫދު ވަނީ އާންމު އިޖުރާއަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ލިޔެފައިވާ އުސޫލެއް ނެތި ހިންގާ ކޮންމެ ޝަރީއަތެއް ވާނީ އާބިޓްރޭޝަން ޝަރީއަތަކަށް ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރުން ޝަރީއަތް ހިންގަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ މަތިން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑްކޮށްފައިވާ ޖިނާއީ އިޖުރާއަތުގައިވާ އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ތުހުމަތު ކުރާ އަމަލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ފާހަގަކޮށްފައިވާ ސަބަބެއް ކަމަށްވާތީ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ނެތް އިރު ވެސް ޝަރީއަތްތައް ހިންގެވި ކަމަށް ގާޒީ ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އަމަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.