މަހިބަދޫ

މަހިބަދޫގައި އައިސް ޕްލާންޓް ބަހައްޓަން ހުޅުވާލައިފި

Mar 21, 2018
1

ފިޝަރީޒް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރަން ޝައުގުވެރިވާ ފަރާތްތައް ލޯނަށް އެދެން ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒުން ބުނީ މި ލޯނު ދޭން ނިންމީ މަސްވެރިން ބާނާ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދޭން މަހިބަދޫގައި އައިސްޕްލާންޓެއް ގާއިމު ކުރަން ކަމަށެވެ.

މި ލޯނުން ލިބޭ ފައިސާ ބޭނުން ކުރެވޭނީ އައިސް ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ މެޝިނަރީޒް ގަންނާށެވެ. މި ލޯނުގެ ޖުމްލަ އަދަދަކީ ތިން މިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ލޯނާއި ބެހޭ އުސޫލާއި، ލޯނަށް އެދޭ ފޯމު މިހާރު ލިބެން ހުންނާނެ ކަމަށާއި މިފިޔަވަހީގައި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރީލް 18 އާ ހަމައަށް ކަމަށެވެ.

މި ލޯނަށް ހުޅުވާލި އިރު މަހިބަދޫ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ތޯރިގަކީ އޭނާގެ ދާއިރާ އާއި އަތޮޅުގެ މަސްވެރިންގެ ޝަކުވާތަކުގެ ވާހަކަ ވަރަށް ގިނައިން މަޖިލީހުގައި ދައްކަވާ މަސްވެރިންގެ ޝަކުވާތައް ކަމާބެހޭ އިދާރާތަކާ ހަމައަށް ގެންދަވާ ބޭފުޅެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ކޮންމެ އަތޮޅެއްގައި ވެސް މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ އެވެ.