ޑރ. މުހައްމަދު މުއިއްޒު

ޕެންޝަން ފަންޑުން އެކި ބޭނުންތަކަށް ފައިސާ ނެގޭ ގޮތް ހަދާނަން: މުއިއްޒު

ޕެންޝަން ފައިސާ އިން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ޕެންޝަން ގާނޫނު އިސްލާހުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު 100 މިލިއަން ޖަމާވަމުން ގޮސް މިހާރު އެ ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށް އެނގިފައިވާ ކަމަށެވެ.

ޕެންޝަން ފަންޑުގައި ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ފަންޑުގެ ހައްގުވެރިންނަށް ޕެންޝަން ފައިސާ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ. ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާ އެކު ޕެންޝަން ގާނޫނު އިސްލާހުކޮށް ޕެންޝަން ފައިސާ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒުގެ ވިސްނުން ހުރީ ތައުލީމު ހާސިލްކުރުމަށާއި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި، އަލަށް ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ކޮންމެވެސް ވަރެއް ނެގޭ ގޮތް ހެދުމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ އެޕާޓްމަންޓް ގަތުމަށާއި ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދައިދީފަ އެވެ.

މުއިއްޒު ވިދާޅުވީ އުމުރުން 65 އަހަރުވުމުން މަސައްކަތްތަކުން ރިޓާޔާކުރާއިރު ޕެންޝަން ފަންޑުގައި ފައިސާ ހުރި ނަމަވެސް މީހާގެ އުމުރުގެ އެހާ ހިސާބުން އެ ފައިސާ އިން ހަގީގީ ބޭނުން ނުކުރެވޭ ކަމަށެވެ.

މުއިއްޒުގެ ހުށަހެޅުމަކީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ ގިނަ ވެގެން 10 އަހަރުގެ ތެރޭގައި ފައިސާ ނެގޭ ގޮތް ހެދުމެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ނުކުރެވުމަކީ ވަރަށް ގިނަ އާންމުންގެ ކަންބޮޑުވުމެކެވެ.