މިއަންމާ

މިޔަންމާގެ ރައީސް އިސްތިއުފާ ދެއްވައިފި

އަސްކަރީ ވެރިކަމެއް ކުރާތަ އެތައް އަހަރެއްވުމަަށް ފަހު މިޔަންމާގައި އުފެދުނު ފުރަތަމަ މަދަނީ ސަރުކާރުގެ ރައީސް ޓިން ޗޯ އިސްތިއުފާ ދެއްވައިފި އެވެ.

މިޔަންމާގައި 2016 ވަަނަ އަހަރު ބޭއްވި ތާރީހީ އިންތިހާބަށް ފަހު ރައީސްކަމަށް ވަޑައިގެންނެވި ޓިން ޗޯ ފުރުއްވަމުން ގެންދެވީ ހަމަ އެކަނި ރަމްޒީ މަގާމެކެވެ. އެގައުމުގެ ސަރުކާރު ހިންގަވަމުން ގެންދަވަނީ ސްޓޭޓް ކައުންސިލާ އަންސަން ސޫކީއެވެ. ސޫކީއަކީ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި އިރު، ޑިމޮކްރަސީގެ ރަމްޒެއް ކަމަށް ބަލައި ބައިނަލް އަގުވާމީ މުޖުތަމައުން ވަރަށް ބޮޑު ތާއީދެއް ކުރި ލީޑަރެކެވެ. ނަމަވެސް މިޔަންމާގެ ރައީސްކަމަށް ވާދަކުރައްވަން އޭނާއަކަށް އަދި ހުއްދައެއް ނެތެވެ. ޓިން ޗޯއަކީ ސޫކީގެ އަރިސް ބޭފުޅެކެވެ.

ޓިންޗޯ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިޔަންމާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާއަކީ އުމުރުފުޅުން މިހާރު 71 އަހަރު ވެފައިވާ ބޭފުޅެކެވެ.

ޓިން ޗޯ އިސްތިއުފާ ދެއްވިކަން ހާމަ ކުރަން މިޔަންމާގެ ރައީސް އޮފީހުން ފޭސްބުކްގައި ޖެހި ލިއުމުގައި ބުނެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ " އަރާމުކުރައްވަން" ކަމަށެވެ.

މިޔަންމާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ކަނޑައަޅާނެއެވެ. އެހައިތަނަށް ރައީސް ކަމުގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާނީ ނައިބު ރައީސް މިންޓް ސްވީއެވެ. އޭނާއަކީ މިޔަންމާ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ.

ޓިން ޗޯ އިސްތިއުފާ ދެއްވާފައި މިވަނީ މިިޔަންމާ ސަރުކާރަށް ބައިނަލް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައިވާ ވަގުތެއްގައެވެ. އެސަރުކާރަށް ފާޑުކިއުންތައް އަމާޒުވީ ރާޚައިން ސްޓޭޓުގައި ބައި މަދު ރޯހިންޔާ ދަރިކޮޅުގެ މީހުނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުންނެވެ. އެގޮތުން ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެ ޖަރީމާތަކުން ސަލާމަތްވާން އަށް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.