ދުނިޔެ

އަސްކަރިއްޔާއިން އަން ސަން ސޫކީ ޖަލު ހުކުމް ލުއިކޮށްފި

މިއަންމާއަށް 2021 ގައި ގެނައި އަސްކަރީ ބަޣާވާތެއްގައި ވެރިކަމުން ދުރުކޮށް ޖަލާލާފައި ހުރި މަދަނީ ސަރުކާރުގެ ވެރިޔާ އަން ސަން ސޫކީއަށް އިއްވާފައި އޮތް 33 އަހަރުގެ ޖަލު ހުކުމުން ހަ އަހަރު ލުއިކޮށްދީފި އެވެ.

މިއަންމާގައި މިހާރު ވެރިކަން ކުރަނީ އަސްކަރީ ޖެނެރަލުންގެ މައްޗަށް އެކުލަވާލާފައި އޮތް ކައުންސިލަކުންނެވެ. މައްސަލަތައް ނިންމައި ހުކުމްކުރީ އަސްކަރީ ކޯޓުތަކުގަ އެވެ.

އަން ސަން ސޫކީ ވެރިކަމުން ދުރުކުރުމަށް ފަހު އޭނާގެ މައްޗަށް 19 ދައުވާއެއް އޮތީ އުފުލާފަ އެވެ. މި ހުރިހާ ދައުވާއެއް ސާބިތުވެ އިއްވި ހުކުން 33 އަހަރަށް ގިދުދެމިގެން ދިޔައީ އެވެ.

އަސްކަރީ ސަރުކާރުން ދިން ލުޔެއްގެ ގޮތުގައި ސޫކީ މިހާރު ހުންނަނީ ގޭގަ އެވެ. ހުކުމް ލުއިކުރުމަށްފަހު ވެސް އޭނާ ދެން ހުންނާނީ ގޭގަ އެވެ.

އަސްކަރީ ކޯޓުން އިއްވި މި ނިޔާގައި އިތުރު 7،000 ކުށްވެރިއަކު ވަނީ މިއަންމާގެ ޖަލުތަކުން މިނިވަންކޮށްފަ އެވެ.

އަން ސަން ސޫކި ވެރިކަމުން ދުރުކުރުމާ ގުޅިގެން މިއަންމާގައި -- އާންމުންނާއި އަސްކަރީއްޔާއާ ދެމެދު ހިނގައިދިޔަ ކުރިމަތިލުން ތަކުގައި މަގުތައް ލެއިން ފޯވެ، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

އަސްކަރީ ބަޣާވާތަކުން އަން ސަން ސޫކީ ދުރުކުރުމަށްފަހު އެއް އަހަރު ދުވަސް ފަހުން މިނިވަން އިންތިހާބެއް ބޭއްވުމަށް ޖެނެރަލުން އެއްބަސްވި އެވެ. އެހެންނަމަވެސް، އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އިންތިހާބެއްގައި އަމަލީ ސިފަ ނުޖެހެ އެވެ.

އަނެއްކޮޅުން އިންތިހާބެއް ބޭއްވުމަށް އެންމެ ފަހުން އިއްވި ތާރީހު ވެސް މިހާރު އޮތީ ހަމަހަށް ފަސްކޮށްފަ އެވެ.

އަން ސަން ސޫކީގެ މައްޗަށް އެއިރު ކުރި ތުހުމަތުތަކުގެ ތެރޭގައި މިއަންމާގައި އެންމެ ފަހު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލުމާއި ހުއްދަ ނެތް ބާވަތްތަކެއްގެ އިލެކްޓްރޯނިކް އާލާތްތަކެއް ގައުމަށް އެެތެރެކުރުން ހިމެނެ އެވެ. އެހެން ނަމަވެސް، މިއިން އެއްވެސް ކުށަކަށް ސޫކީ އިއުތިރާފުވެފައެއް ނުވެ އެވެ.

ސޫކީ ގެއަށް ބަދަލުކުރުމަށް އދ އާއި އެމެނެސްޓީ ގުޅިގެން މަސައްކަތް ކުރަމުން ގެންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.