ދުނިޔެ

"ބަރުމާގެ ހަމަނުޖެހުންތައް ހުއްޓާލާ، މަޝްވަރާ ކުރަން ފަށާ"

ބަރުމާ / މިއަންމާގައި ހަމަނުޖެހުން އުފެދިން އުޅެނީ އަސްކަރިއްޔާއިން މަދަނީ ވެރިކަން ޖަހައިގަތުމުން ކަމަށާއި ހަމަނުޖެހުންތައް ހުއްޓާލައި މަޝްވަރާތައް ފަށަން ޖެހިފައިވާ ކަމަށް މެލޭޝިއާއިން އަނެއްކާވެސް ބަރުމާއަށް ގޮވާލައިފި އެވެ. މެލޭޝިއާއިން ބުނަނީ ބަރުމާގެ އަސްކަރިއްޔާއިން ހިންގައިގެން އުޅޭ ކަންތައްގަނޑުގެ ތެރެއިން ހައްޔަރު ކޮށްފައި ތިބިހާ ބަޔަކު މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސައިން ވިދާޅުވީ އެއްވެއުޅެން ފުރުސަތުދޭން ޖެހޭނެ ކަމަށާއި އެމީހަކަށް ފެންނަ އެއްޗެއް ބުނެވެން ވެސް ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޝްރަހު ފިނި ކުރެވެން އޮތީ ބާރު އޮތް ބަޔަކަށް ކަމަށާއި އެކަން ކުރަން ލަސްވެއްޖެ ކަމަށެވެ.

މެލޭޝިއާއިން މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ސަމިޓް، އެޕްރީލް 24، ހޮނިހިރު ދުވަހު ފަށަން ނިންމާފައި ވަނިކޮށެވެ. މި ސަމިޓްގައި މިއަންމާ ތަމްސީލު ކުރައްވާނެ ކަމަށް ވަނީ އަސްކަރިއްޔާގެ ވެރިޔާ، މިން އޮންގް ލައިންގެ އެވެ. އާސިއާން ސަމިޓްގައި މެލޭޝިއާއިން ބައިވެރިވެ ވަޑައިގަންނަވާނީ ބޮޑުވަޒީރު މުހްޔިއްދީން ޔާސިން އެވެ.

ހިޝާމުއްދީން ވިދާޅުވީ އާސިއާން ސަމިޓްގައި މިއަންމާގެ ހަލަތާ މެދު ބަހުސް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެދެވޭ ހިޔާލެއް ލިބިއްޖެ ނަމަ އަސްކަރިއްޔާއިން ބަލައިގަތުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާއަށް އެހީތެރި ވެދެއްވާނެ ކަމަށާއި އާސިއާން ސަމިޓުން ގޮތެއް ކަނޑައެޅުން މާބޮޑަށް ވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

އާސިއާން ސަމިޓް މިފަރު އޮންނާނީ އިންޑޮނޭޝިއާގެ ވެެރިރަށް ޖަކާޓާގަ އެވެ. 10 ގައުމެއް ތަމްސީލްކުރާ ސަމިޓްގެ ރިޔާސަތު ބަލަހައްޓަނީ ބުރުނާއީގެ ސުލްތޯން ހަސަނުލް ބުލްކިއާ އެވެ.