ދުނިޔެ

އަން ސަން ސޫކީ ވަކީލުންނާ ބައްދަލުު ކުރައްވަން އެދިވަޑައިގެންފި

މިއަންމާގައި އަސްކަރިއްޔާއިން އަން ސަން ސޫކީގެ މަދަނީ ސަރުކާރު ވައްޓާލުމަށް ފަހު އެކަމަނާ ހައްޔަރުކޮށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެކަމަނާއާ ދެކޮޅަށް ހެކި ހޯދުމަށްޓަކައި އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ "ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ" ޕާޓީގެ ހެޑްކުއާޓަރަށް ސިފައިން ވަދެ ވަނީ ލޫޓުވާފަ އެވެ.

އަން ސަން ސޫކީ ހައްޔަރުކުރުމަށް ފަހު އަސްކަރިއްޔާއިން ފުރަމަ ބުނީ މިދިއަ އަހަރު ނޮވެމްބަރު މަހު ބޭއްވި އިންތިހާބު އެކަމަނާގެ ސަރުކާރުން އޮޅުވާލާފައިވާ ކަމަށެެވެ. އަދި އެއަށް ފަހު އިތުރު ދައުވާ ހުށަހަޅައި ސައްހަ ނޫން މަގުތަކުން ވިޔަފާރިކުރައްވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އިމްޕޯޓް / އެކްސްޕޯޓް ގާނޫނާ ޚިލާފުވެ ވަޑައިގެންފައިވާ ކަމަށާއި ރޭޑިއޯ ކޮމިއުނިކޭޝަން ޑިވައިސްތަކެއް ސިއްރިއްޔާތުގައި ގެންގުޅުއްވި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސޫކީގެ މައްޗަށް މިދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތަކަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް ދިފާއުގައި ވަކާލާތުކުރެއްވުމަށް އެކަމަނާއަށް ފުރުސަތުދީފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެކަމަނާގެ މައްޗަށް އުފުލާފައި ހުރި ދައުވާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށެވެ. ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދެނީ ވެސް އޮންލައިންކޮށެވެ. ވަކީލުންނާ ސީދާ ބައްދަލުކޮށްދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އަސްކަރީއްޔާއިން އެފުސަދު ނުދެ އެވެ.

ޝަރީއަތުގައި ދެން އަޑުއެހުމެއް އޮންނާނީ އޭޕްލީލް 26 ގަ އެވެ. އޭގެ ކުރިން ވަކީލުންނާ ސީދާ ބައްދަލުވާނެ ގޮތެއް ހައްދަވައިދެއްވުމަށް ސޫކީ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދުނިޔޭގެ ބާރުތަކަށް ވެސް ވަނީ މިފަދައިން ގޮވާލައްވާފަ އެވެ.