ދުނިޔެ

ސޫކީއަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް

މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ އިތުރު ހަތް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އަސްކަރީ ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް އިއްވައިފި އެވެ. މި އާއެކު އޭނާ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމުގެ މުއްދަތު 33 އަހަރަށް އެރީ އެވެ.

ސޫކީގެ މައްޗަށް މިޔަންމާގެ އަސްކަރީ ސަރުކާރުން އުފުލާފައި ހުރި ދައުވާތަކަށް -- މި ފަހަރު ކުރި ހުކުމާ އެކު -- ހުކުމް އިއްވައި ނިމުނީ އެވެ.

މިޔަންމާގައި އޮތް މަދަނީ ސަރުކާރު، އަސްކަރީ ބަޣާވާތަކުން ވައްޓާލައި -- އަސްކަރިއްޔާގެ ބަންދަށް ސޫކީ ގެންދިޔައީ ފެބްރުއަރީ 24، 2021 ގައެވެ.

ސޫކީ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމްތައް ތަންފީޒު ކުރެއްވުމަށް ޖަލުގައި ހުންނަވަނިކޮށް މިދިޔަ އޮކްޓޯބަރުގައި އިތުރު ތިން އަހަރުގެ ދެ ހުކުމެއް ވަނީ އިއްވާފަ އެވެ. އެ އާއެކު ޖުމުލް ހުކުމް 26 އަހަރަށް އޮތީ އަރާފަ އެވެ.

ސޫކީގެ މައްޗަށް އުފުލާފައި ހުރި ދައުވާތަކުގެ ތެރޭގައި އިންތިޚާބު އޮޅުވާލުމާއި، ކޮވިޑްގެ އާންމު ރައްކާތެރިކަމުގެ އުސޫލުތަކާ ހިލާފެވަޑައިގަތުން، ހުއްދަ ނެތި މިޔަންމާއަށް ވޯކީޓޯކީ އެތެރެކުރުން އަދި ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނާ ހިލާފުވެވަޑައިގަތުން ހިމެނެ އެވެ.

ސޫކީ މަގާމުން ދުރުކުރެއްވުމަށް ފަހު އޭޕްރީލް ނިމެންދެން ގޭބަންދުގައި ބަހައްޓަވައި ގޮތް ނޭނގޭ ޖަލަކަށް ފަހުން ބަދަލުކުރެއްވި އެވެ.

އަންގް ސަން ސޫކީގެ ހަޔާތްޕުޅުގައި ގިނަ ދުވަސް ހޭދަކުރައްވާފައިވަނީ ޖަލުގައި ނުވަތަ ގޭބަންދުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 15 އަހަރު ގޭބަންދުގައި ހޭދަކުރައްވާފަ އެވެ.

އޭނާ ދެވަނަ ފަހަރަށް ޖަލަށްލެއްވީ 2009 ވަނަ އަހަރު އެވެ. އެއީ ގޭބަންދުގެ އުސޫލާ ޚިލާފުވެވަޑައިގެންނެވި ކަމަށް އަސްކަރީ ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.