ހަބަރު

ސިޔާދު ގާސިމު ހައްޔަރުކޮށްގެން އުޅެނީ ބަދަލުހިފަން: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބުރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެވަޑައިގެެންފައި ވަނީ ރައީސް އަބުދުﷲ ޔާމީނުގެ ބަދަލު ހިއްޕެވުމުގެ ޝިކާރައަކަށް ކަމަށް ވިދާޅުވެ، އޭނާ މިނިވަން ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ސިޔާދު ގާސިމް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށެވެ.

"ސިޔާދު ގާސިމް އެހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި، ޣައިރު ގާނޫނީ ދައުވާތަކަކަށް ހުށަހެޅިވަޑައިގެން، ރައީސް ޔާމީނުގެ ސިޔާސީ ބަދަލުހިއްޕެވުމުގެ ޝިކާރައަކަށް ވެވަޑައިގެން، އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭބޭފުޅުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިކުރަމުން ގެންދާތީ ނަޝީދު މިއަދު އެކަމަށް ވެސް ފާޑުވިދާޅުވިއެވެ. ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު ހިމެނިވަޑައިގަންނަވާ ގޮތުން "އެސްއޯއީ ގައިދީން" މިއަދު ކްރިިމިނަލް ކޯޓަށް ގެނައުމުގަައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުލް ގައްޔޫމަށާއި ސަލާމަތީ ބާރުތަކަށް ގާނޫނީ އެއްވެސް ހުއްޖަތެއް އަދި ހަމައެއް ވެސް ނެތް ކަމަށެވެ.

"މިއީ އިންސާފަށް މަލާމާތްކުރުން، އެމްއެންޑީއެފާއި ޕޮލިސް ސާވިސް އިން ދެކޮޅު ހަދަން ޖެހޭނެ ޣައިރު ގާނޫނީ އަމުރުތަަކަށް،" ނަޝީދުު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އިއްޔެ ކޯޓަށް ގެނެސް އެތައް ގަޑިއިރެއް ވަންދެން އެތަނުގައި ބޭންދުމުން އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ޓެރަރިޒަމްގެ ކުށްް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ވަޑައިގެންނެވުމަަށް ފަހު ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފޮނުވި ފަހުން ނަޝީދު އުޅުއްވަނީ ބޭރުގަ އެވެ.