ހަބަރު

ސަރުކާރުން ބޭނުންވަނީ ކުއްލި ހާލަތު ދިގު ދަންމާލަން: ނަޝީދު

Feb 17, 2018
18

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިސްތިއުފާ ދެއްވަން ސަރުކާރުން މަޖުބޫރު ކުރުވަމުން އަންނަ ކަމަށާއި އެމަނިކުފާނު އިސްތިއުފާ ނުދީފި ނަމަ ސްޓޭޓް އޮފް އެމެޖަންސީ ކުރިއަށް ގެންދަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބާއްވާ، "ދަ ހަޑުލް 2018" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރުގެ އާއިލާއާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސާބިތުކަން ނަގާލައި އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން ހާސިލް ކުރަން ބޭނުންވާ މި ކަންތައް ނުވެއްޖެ ނަމަ ސްޓޭޓް އޮފް އެމެޖެންސީ ކުރިއަށް ގެންދިޔުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިފަދަ ހާލަތެއްގައި ސްޓޭޓް އޮފް އެމެޖެންސީ ދިގު ދެމިގެން ދާނެ. ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ އިމަޖެންސީ ނިމުމަކަށް ގެންނާކަށް. އެމަނިކުފާނު ބޭނުން ވަނީ އަބްދުﷲ ސައީދު އިސްތިއުފާ ދެއްވަން. މިކަން ނުވަނިސް ސްޓޭޓް އޮފް އެމެޖެންސީ ނުނަގާނެ،" އަންނަ ހޯމަ ދުވަހަށް ސްޓޭޓް އޮފް އެމެޖެންސީގެ މުއްދަތު ހަމަވާކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. މި ތުހުމަތާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ސްޓޭޓް އޮފް އެމެޖެންސީއެއް އިތުރު ކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން އެވެ. އެހެން ނަމަވެސް މަޖިލީހުގައި ސިފައިން ވަނީ ތަޅު އަޅުވައި މަޖިލިސް ހިންގުމަށް ހުރަސްއަޅައިފަ އެވެ.

ނަޝީދު ވިދާޅުވީ މިއީ އިންޑިއާއިން ރާއްޖެ އިސްލާހު ކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި ރާއްޖެ އިސްލާހު ނުކޮށްފި ނަމަ، މިއިން ދުވަހަކު ރާއްޖެ އިސްލާހު ކުރުމަށް ދެން އިންޑިއާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މިހާރު ކަންކަން ދާ ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ހުންނެވީ ރައީސް އަބްދުﷲ ޔާމީން އެކަނި ކަމަށެވެ. އަދި އެމަނިކުފާނު އެކަނި އިންތިހާބަށް ވަޑައިގެން އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ، ހުތުމުހުތާރު ވެރިކަމެއް ގިނަ ޒަމާންތަކަށް ރާއްޖޭގައި ދެމިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކަމެއް ގޯސްކޮށް ދިޔައިމާ އެކަމެއް ރަނގަޅު ކުރަން ކޮންމެ ގައުމަކުން ވެސް އެފަދަ ދަނޑިވަޅުގައި ބޮޑެތި ގައުމުތަކުގެ އެހީއަށް އެދޭނެ. އެއީ އެކަން އޮންނާނެ ތޮބީއީ ގޮތް. އެގޮތުގެ މަތިން އަޅުގަނޑު އިންޑިއާގެ އެހީއަށް ގޮވާލީ. އެކަމަކު އެއީ އިންޑިއާ ސިފައިން ރާއްޖެ އައިސް ހަނގުރާމަ ކުރާކަށް ނޫން އެއްގޮތަކަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ އަސްކަރިއްޔާއާ އެކު ހާއްސަ މަންދޫބެއް ފޮނުވަން ނަޝީދު ކުރެއްވި ޓްވީޓް އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ، އެމަނިކުފާނު އިންޑިއާއަށް ގޮވާލެއްވީ، އިންޑިއާގެ އެންމެ މަތީ ފެންވަރުގެ ހާއްސަ މަންދޫބެއް އެ ގައުމުން ރާއްޖެއަށް ފޮނުވުމަށް ކަމަށެވެ. ނަޝީދު ވިދާޅުވީ އެ މަންދޫބުގެ ބޭނުމަކަށް ވާން ޖެހޭނީ ކަންކަން އިސްލާހު ކުރުމަށް ރައީސް ޔާމީންއަށް މަޖުބޫރު ކުރުވޭނެ ފެންވަރުގެ ބޭފުޅަކަށް ކަމަށެވެ. އެހެން ނޫނީ ރާއްޖޭގެ ކަންކަން ދެން އިސްލާހު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ސަރުކާރު ބަދަލު ކުރަން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނު ގޮވާލައްވަނީ އަންނަ ރިޔާސީ އިންތިހާބަކީ ސިޔާސީ ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓަކަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސްޓޭޓް އޮފް އެމަޖެންސީގެ ސަބަބުން 30 ޕަސެންޓް ބުކިން ރިސޯޓްތަކުން ކެންސަލްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 40-50 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް ލަފާ ކުރައްވާ ކަ މަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ދަތިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެސްއޯއީއާ އެކު އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، އަލަށް ވެރިކަމަށް އަންނަ ކޮންމެ މީހަކު ކުރީގެ ރައީސުން ހައްޔަރުކޮށް ހުކުމް ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮތް ކަމަށެވެ. އެކަމަކު އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި އެކަމަށް އެމަނިކުފާނު ސަރުކާރުގައި މަސައްކަތް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މައުމޫންގެ މައްޗަށް މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ހިންގަން އެމަނިކުފާނަށް ޕްރެޝަރު އައި ނަމަވެސް، އެންމެ ފަހަރަކު ސުވާލުކޮށްލުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޕްރެޝަރު ހުރި މައުމޫންގެ މައްޗަށް މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ހިންގަން. އެހެން ނަމަވެސް އަޅުގަނޑުގެ އެފަދަ އެއްވެސް ނިޔަތެއް ނެތް. ހަމައެކަނި ދައްކާލުމަށް މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލެއް ކޮށްލީ. އޭގެ ފަހުން މައުމޫންއަށް އުނދަގޫކޮށް އެފަދަ އިހާނެތި ކަމެއް ނުކުރަން. އެއީ ރާއްޖޭގައި އޮންނަން ޖެހޭނެ ސަގާފަތެއް ކަން އަޅުގަނޑު ނުދެކެން. އެކަމަކު ރައީސް މައުމޫންގެ އަމިއްލަ ކޮއްކޯފުޅު އެމަނިކުފާނު ޖަލުގެ ތޭރިތަކަށް ލުމަކީ ހަގީގަތުގައި ވެސް ހިތައް އަސަރު ކުރުވާ ކަމެއް. އަޅުގަނޑުގެ ބޮޑު ކަންބޮޑުވުމެއް،" ނަޝީދު ވިދާޅުވި އެވެ.