ހަބަރު

ކުރީގެ ސީޕީ އަރީފް ޝަރީއަތް ނިމެންދެން ބަންދަށް

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އަރީފު ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މިރޭ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދައުލަތުން އެގޮތަށް އެދުމުންނެވެ.

އަރީފު ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ. އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތައް އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިނގާ އިންތިޒާމްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުރި އަހުމަދު އަރީފްގެ ބޭނުން ހިފައިގެން ސުޕްރީމްކޯޓުގެ އަމުރު ނެރެންވާއިރަށް، އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށާއި ސުޕްރީމްކޯޓުން ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލާ ރޭވިގެން މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ވެސް ޕީޖީއިން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާ ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންގެ ތެރެއިން އަހުމަދު އަރީފު ބޭނުންވާ ވަކި ބަޔަކު ހޮވައި، އެކި ތަންތަނުގައި ތިބި މި މީހުން އެއްތަނަކަށް ގެނުވައި، އެއްބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާކަން މައްސަލާގައި ހޯދިފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ. މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ވެސް ދައުވާތައް ކުރަނީ އެކަންކަމަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ.