ފަލަސްތީން

ފަލަސްތީނުގެ "ބަތަލާ" ތަމީމީއަށް ޖަލު ހުކުމެއް

ފަލަސްތީނުގެ އާއްމުންނަށް އަނިޔާކުރަމުން ދިޔަ އިޒްރޭލު ސިފައިިންގެ މީހެއްގެ ކަންކަށީގައި ދެތިން ފަހަރު ޖެހުމުން އިޒްރޭލުން ހައްޔަރުކޮށްގެން ގެންގުޅޭ ކުޑަ އަންހެންކުއްޖެއް ކަމަށްވާ އަހަދު ތަމީމީ އަށް މަހަށް ޖަލަށްލާން އިޒްރޭލުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އުމުރުން އެންމެ 16 އަހަރުގައި އިޒްރޭލުން ހައްޔަރުކުރި ތަމީމީގެ މައްޗަށް ޖުމްލަ 12 ދައުވާއެއް އުފުލިއެވެ. އޭނާގެ މައްޗަަށް އަށް މަަސް ދުވަހުގެ ޖަލު ހުކުމަކާއި 5000 ޝިކެލް (1440ޑޮލަރު) ގެ ޖޫރިމަނާއެއް ކުރަން އިޒްރޭލުގެ ކޯޓުން ނިންމީ އޭގެ ތެރެއިން ހަތަރު ދައުވާއަކަށް އެއްބަސްވުމުން ކަމަށް އޭނާގެ ވަކީލު ގާބީ ލާސްކީއާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.

އަހަދުގެ ލޯޔަރު އޭއެފްޕީއަށް ވިދާޅުވެފައިވާ ގޮތުގައި ބަންދުގައި ހުރި މުއްދަތު ވެސް ހުކުމުން ކެނޑޭނެތީ މިއަހަރުގެ ހޫނުމޫސުމުގައި އަހަދު މިނި ވަން ވާނެއެވެ.

އަހަދުގެ ޝަރީއަތް އިޒްރޭލުން ފެށީ މިދިޔަ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު އަސްކަރީ ކޯޓެއްގައި އާއްމުންނަށް ނުވަދެވޭ ގޮތަށެވެ.

އިޒްރޭލުން އަހަދު ހައްޔަރު ކުރީ ހަތިޔާރު އަޅައިގެންް ތިބި އިޒްރޭލު ސިފައިންގެ ދެމީހަކާ ހުސްއަތާ ގޮސް އޭނާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯއެއް ފޭސްބުކްގައި އާއްމުވުމުންނެވެ. އެހާދިސާ ހިނގީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލަން އެމެރިކާއިން ނިންމުމުން އެކަމާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ފަލަސްތީނުމީހުން ކުރި މުޒާހަރާއެއްގައެވެ. އެހާދިސާ ހިނގީ ހުޅަނގު އައްސޭރީގެ ނަބީ ސޯލިހު ނަމަކަށް ކިޔާ އަވަށުގައެވެ. އިޒްރޭލު ސިފައިންނާ ކުރިމަތިލީ ގޮތުން އަހަދު ވެފައި ވަނީ ފަލަސްތީނު މީހުން އިރްޒޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ރަމްޒަކަށެވެ. އަދި އެހާ ހަގު އުމުރުގައި އިޒްރޭލުން އޭނާ ހައްޔަރުކޮށް ދައުވާ ކުރުމުން އޭނާގެ މަގުބޫލުކަން މިހާރު ވަނީ ކުރިއަށް ވުރެެ ބޮޑުވެފައެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން 1948 އަހަރު އުފެއްދި އިޒްރޭލުގެ ދައުލަތުން ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކުރެއެގވެ. އެގޮތުން އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 5000 އަށް ވުރެ ގިނަ ކުޑަކުދިން މިހާރުވެސް އެބަ ތިއްބެވެ.