ވިޔަފާރި

ކޮކާ-ކޯލާއިން ވޯލްޑް ކަޕް ބަލަން ރަޝިއާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި

Mar 22, 2018
1

ކޮކާ- ކޯލާ ބޮއެގެން ވޯލްޑް ކަޕް ބަލަން ދިއުމުގެ ފުރުސަތު ހުޅުވާލައި "ކޮކާ-ކޯލާ ވޯލްޑް ކަޕް ފިއެސްޓާ" މިއަދު ފަށައިފި އެވެ.

ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައި ދެއްވައި "ކިކްއޯފް" ކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ރަން ކުލައިގެ މަތިގަނޑު ޖެހި ކޮކާ- ކޯލާގެ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަމްބަރު "2626" އަށް މެސެޖުކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ދުވަހަކު ލަކީ ޑްރޯއެއް މި ޕްރޮމޯޝަންގެ ދަށުން ނަގާނެ އެވެ. އެ މީހަކަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ބޯޅައެއް ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު "ގްރޭޑް ޕްރައިޒް"ގެ ގޮތުގައި ވަނަ އެއް ހޮވައި އެ މީހަކަށް އިތުރު މީހަކާއެކު ރަޝިއާއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުގައި ރަޝިއާގައި ހަތަރު ދުވަސް ހޭދަ ކޮށްލުމުގެ ނަސީބު ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދު ފެށިގެން ކުރިއަށް އޮތް 45 ދުވަހު އެވެ.

ކޮންމެ ފަހަރެއްގެ ވެސް ވޯލްޑްކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ފައްޓަވައި ދެއްވަމުން ކޮކާ-ކޯލާގެ ޖެނެރަލް މެނޭޖަރު ނިލެން ދެރަސާރިއާ ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ދާ މީހުންގެ ހުރިހާ ހަރަދެއް ދޭނީ އެ ކުންފުނިން ކަމަށެވެ. އަދި ނަސީބުވެރިޔާ އަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ދެނީ މި ޕްރޮމޯޝަންގައި އެންމެ އެކްޓިވްކޮށް އުޅެނީ އަންހެން ބޭފުޅުން. އެ ބޭފުޅުންނާއެކު އިތުރު ފަރާތެއް ދަތުރު ކުރަން ފުރުސަތު ދޭން ވެގެން،" ނިލެން ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ރަޝިއާއަށް ދާ މީހުންނަށް ވޯލްޑް ކަޕްގެ 36 ވަނަ މެޗު (ސްޕެއިން- މޮރޮކޯ) ގުޅޭ މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

"ކޮކާ-ކޯލާ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަން" ގައި 300 އެމްއެލް އާއި 500 އެމްއެލް އަދި 1250 އެމްއެލްގެ ފުޅި ގަނެގެންވެސް ބައިވެރިވެވޭނެ އެވެ.