ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިމެންވާއިރަށް ބޮޑުތަކުރުފާނު މަގު ތާރުއަޅައި ރީތި ކުރުމާއެކު ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް އެ މަގުގައި ހުރި ގާޑިޔާތައް ނަގަން ނިންމުމާއެކު ބޮޑުތަކުރުފާނު މަގުގައި ވިޔަފާރި ކުރަމުން އައި ގަޑިޔާތައް އެ މަގުން ނަގައިފި އެވެ.
ބޭރުމަގުގެ ގޮތުގައި މަޝްހޫރުވެފައިވާ ބޮޑު މަގުގައި ވިޔަފާރިކުރި 37 ގާޑިޔާ މާލޭގެ ހަތަރު ސަރަހައްދަކަށް ބަހާލައި، އެތަންތަނަށް ގާޑިޔާތައް ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިއަ ބުދަ ދުވަހު އެވެ. އެވެ. ގާޑިޔާ ބަހާފައިވަނީ ކާނިވަލަށް 18 ގާޑިޔާ، މަސްވެރިންގެ މައިޒާނަށް އަށް ގާޑިއާ އާސަހަރާ ފުރަގަހަށް އަށް ގާޑިއާ އަދި ރަސްފަންނު ކައިރިން އެސްޓީއޯ ހެޑް އޮފީސް ފުރަގަހުގައި އޮންނަ ހަނި މަގަށް ތިން ގާޑިޔަލެވެ.
ކުރު ނޯޓިހެއްގައި މިނިސްޓްރީން ގާޑިޔާތައް ބަދަލުކޮށް ނިންމާލިއިރު، ގިނަ "ގާޑިޔާ ވެރިން" ތިބީ ހިސާބަކަށް ބިރުގެންފަ އެވެ. ވިޔަފާރިއަށް އައިސްދާނެ ލޮޅުމަކާމެދު ކަންބޮޑުވެ ހާސްވެފަ އެވެ.
ކާނިވާ ސަރަހައްދު
ބޭރުމަގުން ކާނިވަލަށް ވެއްދީ 18 ގާޑިޔާއެވެ. ކާނިވަލުގައި ހުރި ކެފޭތަކާއި ސަރަހައްދުގައި ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ ކާރު ޕިކަޕްތަކުގެ ފުރަގަހުގައި ފޮރުވިފައި އޮތް ހުސް ޖާގައަށް ގާޑިޔާތައް މިހާރު ވަނީ ޖަމާކޮށްފަ އެވެ. ކާނިވަލުގައި ގާޑިއާތައް ޕާކްކޮށްފައި ވަނީ ވަރަށް އަޑިގުޑަން އަދި ވަރަށް ބޮޑަށް ވީރާނާވެފައިވާ ހިސާބެއްގަ އެވެ. ގާޑިޔާ ވިޔަފާރިވެރިން ބުނަނީ އެމީހުން ކުރަމުން އައި ވިޔަފާރި "އަނދަވަޅަކަށް" ވެއްޓެން އުޅެނީހެން ހީވެފައި ވެއެވެ.
"މި ތަން މި އޮތީ ފޮރުވިފަ. ރޭގަނޑު އެވަރަށް މަދިރި އޮވޭ. ދެ ގާޑިޔާ ދެމެދުގައި ތިން މޭޒު ވެސް ނުބެހެއްޓޭ، ކިހިނެއް ވިޔަފާރި ކުރާނީ،" ޖާގަ ނެތިގެން އަދިވެސް ގާޑިޔާ ބަހައްޓަންވީ ގޮތް ނޭޅިފައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.
ބަދަލުކުރަން އުޅުމުގެ ތެރޭގައި ބައެއް ގާޑިޔާތަކަށް އެކި ވަރުގެ ގެއްލުން ވެސް ވަނީ ވެފަ އެވެ.
އެމީހުންގެ ޝަކުވާއަކީ އެތަނަށް އެއްވެސް ބަދަލެއް ނުގެނެސް ހައުސިން މިނިސްޓްރީން ގާޑިޔާތަށް ބަދަލު ކުރުމެވެ. އަދި ކުރު ނޯޓިހެއްގައި އެކަން ކުރި އިރު ބައެއް ގާޑިޔާވެރިންނަށް އެމީހުންގެ ގާޑިޔާ ބަދަލުކުރާކަން އެންގުނީ ދެ ދުވަސްކުރިނެވެ.
ކާނިވަލަށް 18 ގާޑިޔާ ބަދަލުކޮށްފައިވާއިރު އެއްވެސް ގާޑިޔާއެއްގެ ވިޔަފާރި އަދި ހަމައަކަށް ނޭޅެ އެވެ. ޖާގަ ވެސް ނެތީ އެވެ. ދެތިން ގާޑިޔާއެއްގެ ތަކެތި އަތުރާފައި އަމުދުން ވިޔަފާރިއެއް ނެތެވެ.
ބޭރުމަގަށް ކުރިމަތިވާ ގޮތަށް އާސަހަރާ ފުރަގަހަށް އޮންނަ މަގަށް ބަދަލު ކުރި ގާޑިޔާތަކަށް ބާއްވާނެ ސްލޮޓްތައް ކުރަހައިދީފައިވެ އެވެ. އަދި ބައެއް ގާޑިޔާތަކުން މިހާރު ވިޔަފާރިވެސް ފަށައިފި އެވެ. އެތަނުގައި ވެސް ޖާގައިގެ ދަތިކަން އެބަހުއްޓެވެ.
"ތިން ހަތަރު މަހަށް މި ބަލަނީ. މީހުންނަށް އަދި ނުވެސް އެނގޭނެތާ އެހާ ބޮޑަކަށް. ވިޔަފާރިއާ މެދު އެއްޗެއް ބުނެވޭނީ އަދި ފަހުން،" ގާޑިޔާއެއް ހިންގާ މީހަކު ބުންޏެވެ.
މަސްވެރިންގެ ޕާކަކީ އާންމުކޮށް މެދު އުމުރުގެ މީހުންނާ ދޮށީ އުމުރުގެ މީހުން "ހޮޅު އައްޓަ"ކަށް ހަދައިހެން އުޅޭ ޕާކެކެވެ. އެ ސަރަހައްދަށް ބަދަލުކުރީ އަށް ގާޑިޔާއެވެ. އެ ގާޑިޔާތައް ބަހައްޓާފައިވަނީ މަސްވެރިންގެ ޕާކުގެ އެންމެ ފުރަގަހަށް ބޭރު ތޮށި ވަށައިގެން ވާ ގޮތަށެވެ. ކާނިވާ ސަރަހައްދާ އަޅާ ބަލާއިރު އެތަނުގެ ހާލަތު ރަނގަޅެވެ. ނަމަވެސް އައި ބަދަލާއެކު ވިޔަފާރި ރަނގަޅުވާން ތިން ހަތަރު މަސް ނަގާނެ ކަމަށް އެތަނަށް ބަދަލުކުރި ގާޑިޔާތަކުން ބުނެ އެވެ.
"އަދި މި ބަދަލުވީ މިއަދު. ބައެއް ގާޑިޔާތަށް ގެނައީ ރޭ ދަންވަރު. މަގު ހަދާތީވެ މި ބަދަލުކުރީ ވަގުތީގޮތުން. އެކަމަކު ވިޔަފާރި ދަށް ވާނެ. އެކަން ރަނގަޅުވާން ނަގާނެ ދުވަސްގަނޑެއް،" ގާޑިޔާއެއް ބަލަހައްޓާ މީހަކު ބުންޏެވެ.
ކުރިން 2000 އާއި 3000 އާ ދެމެދުގެ އާމްދަނީއެއް ދުވާލަކަށް ޖެހުނަސް ދެން އެއާ ގާތަކަށް ވެސް ހިއެއް ނުވޭ ލިބޭނެ ހެން،" އިތުރު މީހަކު ބުންޏެވެ.
އެސްޓީއޯ ފުރަގަސް
ގާޑިޔާތައް ބަދަލު ކުރުމުން އެންމެ ހިތްހަމަޖެހިފައި ތިބީ ވެސްޓް ޕާކް ސަރަހައްދަށް ބަދަލު ކުރި ގާޑިޔާތަކުގެ ވެރިންނެވެ. އެ ސަރަހައްދަކީ ރަސްފަންނާ ގާތް ސަރަހައްދަކަށް ވެފައި މާ ގިނަ ގާޑިޔާ ތަކެއް އެތަނަށް ނުގެންދާތީ އެ ގާޑިޔާތަކުގެ ވެރިންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު އެ ސަރަހަށްދަށް ގާޑިޔާތައް ގެންގޮސްފައިވާއިރު ބައެއް ގާޑިއާތަކުން މިހާރު ވިޔަފާރި ފަށައިފި އެވެ.
"އެހެން ދުވަސްތަކާ ބަލާފަ ވިޔަފާރި ދަށް. އެކަމަކު ރަނގަޅު ވާނެ ކަމަށް މި ބަލަނީ. އެހާ ގިނަ މީހުން އެއްތަނެއްގަ ނެތީމަވެސް ރަނގަޅުވާނެކަމަށް މި ބަލަނީ." ގާޑިޔަލެއްގެ ސޭޓު ބުންޏެވެ.
އެމީހުންގެ ވެސް ކަންބޮޑުވުމަކީ ދުރާލައި ނޭންގުމެވެ. ހައުސިން މިނިސްޓްރީން ގާޑިޔާތަކުގެ ވެރިންނާ ބައްދަލުކުރި އިރުވެސް އެއްބައި މީހުންނާ ބައްދަލު ނުވެ ރަނގަޅަށް މައުލޫމާތާއި ޝަކުވާ ހުށަހަޅާނެ ފުރުސަތު ނުލިބުމެވެ.
މާލޭގެ ހަތަރު ސަރަހައްދަކަށް ގާޑިޔާތައް ބަހާލާފައިވާއިރު ގާޑިޔާތަކުގެ ވިޔަފާރިއަށް އަންނާނެ ބަދަލު މިނެލަން އަދި އަވަހެވެ. ވިޔަފާރިއާ މެދު ކަންބޮޑުވުން ހުއްޓަސް މަގު ހެދޭނީ ގާޑިޔާތައް ބަދަލުކޮށްގެން ކަން އެފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ.