ހަބަރު

ޕީޖީ ރައީސް އޮފީހަށް ވަޑައިގަތުމުން މިނިވަން ކަމާމެެދު ސުވާލު އުފެދޭ: ދިޔާނާ

މިފަދަ ހާލަތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ރައީސް އޮފީހަށް ވަޑައިގަތުމުން، އެކަމަނާގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީ ބިޝާމް ރައީސް އޮފީހަށް ވަޑައިގަތުމުން ސުވާލު އުފެދޭ ކަމަށާއި ހާއްސަކޮށް އިދިކޮޅު ގިނަ ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާ ދަނޑިވަޅެއްގައި ވަޑައިގަތުމުން މިނިވަންކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. ދިޔާނާ ވަނީ ޕީޖީ ބިޝާމާއެކު ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ރައީސް އޮފީސް ދޮށުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ އެއްވެސް ޓްވީޓް ކުރައްވާފަ އެެވެ.

ޕީޖީ ބިޝާމް ރައީސް އޮފީހަށް ވަޑައިގެންފައިވާއިރު، ޕީޖީ އޮފީހުން ވަނީ މިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކެއްގެ މައްޗަށާއި ދެ ފަނޑިޔާރުންގެ މައްޗަށް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތައްކޮށް އެކި ދައުވާކޮށް ކޯޓަށް ފޮނުވާފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މިބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.