ފޭސްބުކް

މައްސަލަ ބަލާތީ ފޭސްބުކްގެ ހިއްސާގެ އަގު ދަށަށް

އިނގިރޭސިވިލާތުގެ ޕޮލިޓިކަލް ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާއަށް ފޭސްބުކް ބޭނުންކުރާ 50 މިލިޔަން މީހުންގެ މައުލޫމާތު ލިބުން ގޮތް ބަލަން ތަހުގީގެއް ފެށުމުން ފޭސްބުކްގެ ހިއްސާގެ އަގު ވެއްޓިއްޖެެ އެވެ.

ކެމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންުކުރި މައްސަލަ ތަހުގީގުރަން ފަށާފައިވާކަން ކަށަވަރުކޮށް ދިނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.

ރޮއިޓާސް ބުނީ އެ ހަބަރު ފެތުރުމާއެކު ފޭސްބުކްގެ ހިއްސާގެ އަގު 6.5 ޕަސެންޓުން ދަށަށް ގޮސްފައިވާ ކަމަށެވެ. ފޭސްބުކްގެ ހިއްސާއެއްގެ އަގު މިއަދު ހުރީ 150 ޑޮލަރަށް ވުރެ ދަށުގަ އެވެ. މިއީ މިދިޔަ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހުން އެ ކުންފުނީގެ ހިއްސާގެ އަގު 150 ޑޮލަރަށް ވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބު ކޮށްދޭން ކުރި މަސައްކަތުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ކެމްބްރިޖް އެނަލިޓިކާ އިން ބޭނުންކުރި ކަމަށް ނޫސްތަކުން ފުރަތަމަ ރިޕޯޓްކުރީ މި މާޗްމަހުގެ 17 ވަނަ ދުވަހުއެވެ. ރޮއިޓާސް ބުނީ އެ ދުވަހުން ފެށިގެން މިހައިތަނަށް ފޭސްބުކްގެ މާކެޓް ވެލިއު އިން 100 ބިލިޔަން އުނިވެފައިވާ ކަމަށެވެ.

ކޭމްބްރިޖް އެނަލިޓިކާއިން މައުލޫމާތު ބޭނުންކުރި މައްސަލައިގައި ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ.