ޓައިވާން

"ޓައިވާން އަދި ނީލަމަކަށް ނުލަން"

ޓައިވާން އަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށް ވިދާޅުވެ ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް -- އެމެރިކާގެ ލޮސް އެންޖެލިސްގައި އޮތް "އޯލް އިން ސަމިޓް"ގައި ދެއްކެވި ވާކަތަކަށް -- ޓައިވާންގެ ހާރިޖީ ވަޒީރު ހޫނު ރައްދެއް ދެއްވައިފި އެވެ.

ޓައިވާންގެ ހާރިޖީ ވަޒީރު ޖޯސެފް ވޫ، އީލޮން މަސްކްއަށް ރައްދުދެއްވައި، އެކްސްގައި ޕޯސްޓްކުރައްވައި ވަނީ މަސްކަށް ސުވާލެއް ހުށަހަޅާފަ އެވެ.

ޗައިނާގައި ފޭސްބުކް ފަދަ ހުޅަނގުގެ ސޯޝަލް ނެޓްވޯކްތައް މަނާކޮށްފައި އެ އޮތީ ކީއްވެތޯ ޗައިނާ ކުރެން މަސްކް ސުވާލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖޯސެފް ވޫ ވިދާޅުވި އެވެ.

އީލޮން މަސްކްގެ އަމިއްލަ މައިކްރޮ ބްލޮގިން ނެޓްވޯކް، އެކްސް (ޓްވިޓާ) ޗައިނާގައި މަނާކޮށްފައި އޮތް އޮތުމާ މެދު ސުވާލު އުފެއްދެވުން މާރަނގަޅުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޓައިވާން އަކީ ނީލަމަށް ލާފައި އޮތް ތަނެއް ނޫން ކަމަށާއި ގަންނާނެ ބަޔަކު ނުވެގެން ނޫޅުއްވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އޯލް އިން ސަމިޓްގައި ވާހަކަދައްކަވަމުން މަސްކް ވިދާޅުވީ ޗައިނާގެ ސިޔާސަތަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ޓައިވާން ހެދުން ކަމަށެވެ. އެއީ އެމެރިކާގެ ބާރުގެ ދަށަށް ހަވާއީ ގެނެސްފައި އެ އޮތް ފަދަ މިސާލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގައި އެކްސް މަނާކުރުމަކީ ރަނގަޅު ކަމެއް ކަމަށް މަސްކް ދެކެވަޑައިގެންފާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭންގެ އަސްކަރިއްޔާ އިން ރަޝިއާއާ ދެކޮޅަށް ސްޓާލިންކް އިންޓަނެޓް ބޭނުންކޮށްފާނެ ކަމަށް ބައްލަވައި އެ ސަރަހައްދުން އިންޓަނެޓް ކަނޑާލެއްވުމަކީވެސް -- މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި -- ކުރެއްވުނު ރަނގަޅު ކަމެއް ކަމަށްވެސް ޓައިވާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޓައިވާންގައި އޮތީ ޑިމޮކްރެޓިކް ސަރުކާރެއް އަދި މިނިވަން ގާނޫނުއަސާސީއެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ޓައިވާނަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް އުފެދިގެން އަންނާނީ ޓައިވާންގެ ރައްޔިތުންގެ ކިބައިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖޯސެފް ވޫ މިހެން ވިދާޅުވި ނަމަވެސް ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ ސަރަހައްދެކެވެ.

ޓައިވާންގައި ވަކި ސަރުކާރެއް އޮތުމަކީ ޗައިނާ ދެކޮޅު ހަދާ ކަމެއް ނޫނެވެ. ނަމަވެސް އޮންނަން ޖެހޭނީ ބެއިޖިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ.