ދުނިޔެ

އެމެރިކާގެ 128 އުފެއްދުމަކުން ނަގާ ޓެކްސް ޗައިނާއިން ބޮޑުކޮށްފި

ޗައިނާއާ އެމެރިކާއާ ދެމެދު ކުރާ ވިޔަފާރީގައި ބޮޑު ފައިދާ ވަނީ ޗައިނާއަށް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ޗައިނާއިން ވަރުގަދަ ރައްދެއް ދީ، ދެގައުމުގެ ދެމެދުގައި ފެށިފައިވާ " ވިޔަފާރީގެ ހަނގުރާމަ" އިތުރަށް ވަރުގަދަކޮށްފި އެވެ.

ޗައިނާއަށް ދަތިކުރުމަށް ޓްރަމްޕް އެޅުއްވި ފިޔަވަޅަކީ އެގައުމުން އެމެރިކާއިން ގިނައިން އެކްސްޕޯޓްކުރާ ދެބާވަތް ކަމަށްވާ ދަގަނޑާއި އެލުމިނިއަމް އިން ނަގާ ޓެކްސް ބޮޑުކުރުމެވެ. އެގޮތުން ދަގަނޑުން ނަގާ ޓެކްސް 25 ޕަސެންޓުން އަދި އެލުމިނިއަމުން ނަގާ ޓެކްސް 10 ޕަސެންޓުން ބޮޑުކުރައްވަން ޓްރަމްޕް ނިންމެވި ނިންމެވުމަށް އަމަލުކުރަން ފެށީ މާޗުމަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެކަމަށް ރައްދު ދިނުމަށް ޗައިނާއިން މިއަދު ވަނީ އެމެރިކާއިން އެގައުމަށް އެކްސްޕޯޓްކުރާ 128 އުފެއްދުމަކުން ނަގާ ޓެކްސް ބޮޑުކޮށްފައެވެ. ޓެކްސް ބޮޑުކުރި އުފެއްދުންތަކުގެ ތެރޭގައި ރަލާއި އޫރުމަހާއި ދަގަނޑު ހޮޅިހިމެނެއެވެ. އެ ގޮތުން 20 ބާވަތަކުން ނަގާ ޓެކްސް 15 ޕަސެންޓުން ބޮޑުކުރި އިރު އަނެއް އަށް ބާވަތުން ނަގާ ޓެކްސް 25 ޕަސެންޓުން ވަނީ ބޮޑުކޮށްފައެވެ. ޗައިނާއިން ޓެކްސް ބޮޑުކުރި ބާވަތްތަކަކީ އެބާވަތްތައް އެގައުމަށް އެކްސްޕޯޓްކޮށްގެން އެމެރިކާއަށް އަހަރަކު ތިން ބިލިޔަން ޑޮލަރު ލިބޭ ބާވަތްތަކެވެ.

ވިޔަފާރީގެ ހަނގުރާމައިގައި ޓްރަމްޕް އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ހަަމަ އެކަނި ޗައިނާއަަށް އަމާޒުވާ ފިޔަވަޅަކަށް ނުވިޔަސް ސީދާ ޗައިނާގެ އުފެއްދުންތަކަށް އަމާޒުކޮށްގެން ފިޔަވަޅުތައް އަޅަން ވެސް އޭނާގެ ސަރުކާރުން ވަނީ މަސަައްކަތް ފަށާފައެވެ. އެފިޔަވަޅުތައް އަޅާނީ ޗައިނާއިން އެމެރިކާގެ ކުންފުނިތަކުގެ ފިކުރީ މުދަލުން ވައްކަން ކުރާ ކަަމަށް ކުރާ ތުހުމަތު ތަކުގެ ތަހުގީގު ނިމުމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރާ އުފެއްދުންތަކުގެ އަގު 50 ބިލިޔަން ޑޮލަރަށް އަރައެވެ.

އެފިޔަވަޅު ތަކަށްް ޗައިނާއިން ރައްދުދޭނީ ކިހިނެތް ކަމެއް އަދި ނޭނގެއެވެ. އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއުޓީއޯ)ގެ ގަވައިދާ ހިލާފަށް އެޅި ފިޔަވަޅުތަކެއް ކަމަށް ޗައިނާއިން އަންނަނީ ކުރީއްސުރެ ބުނަަމުންނެވެ. އެ ޖަމިއްޔާގެ ގަވައިދު ބުނާ ގޮތުން އެ ޖަމިއްޔާގެ މެމްބަރު ގައުމަކުން މެމްބަރު އެހެން ގައުމަކާ މެދު ވިޔަފާރީގައި ބޭއިންސާފުކުރުމަކީ މަނާކަމެކެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން މިއަދު ޖެހި އެޑިޓޯރިއަލެއްގައި ބުނެފައި ވަނީ ޗައިނާއާ ދެކޮޅަށް އަޅަން އެމެރިކާއިން މަސަައްކަތްކުރާ ފިޔަވަޅުތައް އަޅައިފި ނަމަ ބޮޑު ގެއްލުން ވާނީ އެމެރިކާއަށް ކަމަށެވެ.

" ޓްރަމްޕް ރާވާފައިވާ ޓެރިފްތަކުން އެމެރިކާގެ އިގުތިސާދީ ދުޅަހެޔޮކަމާއި ކުރިއެރުމަށް އަސަރުކުރުކޮށް، ދިރިއުޅުމުގެ އަގު ބޮޑުވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ބުރަބޮޑުވާނީ އެކަންޏެއް ނޫނެވެ. ދުނިޔޭގައި މިހާރު އޮތް ވިޔަފާރީގެ ނިޒާމަށް ވެސް އެކަމުން ބޮޑު ނުރައްކަލެއް ވާނެއެވެ،" ޒިންހުއާ ނިއުސް އެޖެންސީގެ ލިއުމުގައި ވެއެވެ. - ސީއެންއެން